އާބާދީ ބޮޑު ޗައިނާގެ "ޒީރޯ ކޮވިޑް ޕޮލިސީ"ގެ ސަބަބުން އެގައުމުގެ އިގުތިސޯދަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް ތަޖުރިބާކާރުން ހާމަކޮށްފިއެވެ.

ޗައިނާގެ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހުކުރު ދުވަހު ހާމަކޮށްފައިވާ އެގައުމުގެ އިގްތިސާދީ އަހަރީ ރިޕޯޓުގެ ދެވަނަ ކުއާޓާގެ ޑޭޓާއިން ދައްކާ ގޮތުގައި އިގްތިސޯދީ ދުވެލި ކުރިއަރާފައި ވަނީ އެންމެ 0.4 އިންސައްތައަށެވެ. މިއީ ބައެއް އިކޮނޮމިސްޓުން ހީކުރި ވަރަށް ވުރެ އަދި 2020 ވަނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުން ފެށިގެން އިގްތިސާދު އެންމެ ދަށްވި ފަހަރެވެ.

ފާހަގަކޮށްލެވޭ ގޮތުގައި 2020 ވަނަ އަހަރަކީ ޗައިނާއިން އަމަލީ ގޮތުން އެގައުމުގެ ވިޔަފާރިތައް ބަންދުކޮށް، ކޮވިޑް-19 ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތައް އެޅި އަހަރެކެވެ. ބަލިމަޑުކަމާ އެކު އެގައުމުގެ އިގްތިސޯދު 28 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ދަށަށް ދިޔަ ކަމަށް ބޭރުގެ ނޫހެއް ކަމަށްވާ ނިއުޔޯކް ޓައިމްސް އިންވެސް ވަނީ ރިޕޯޓް ކޮށްފައެވެ.

ވަޒީފާ ނެތް މީހުންނާއި، ބޯހިޔާވަހިކަން ހޯދުމަށް ކުރާ ވިޔަފާރި އަދި ކުދި ވިޔަފާރިތައް އަދިވެސް އޮތީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހާވާޑް ޔުނިވާސިޓީގެ އިކޮނޮމިކްސް އަދި އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ ކުރީގެ ޗީފް އިކޮނޮމިސްޓެއް ކަމަށްވާ ޕްރޮފެސަރު ކެނެތު ރޮގޮފް ވިދާޅުވާ ގޮތުގައި ޗައިނާގެ އިގްތިސާދަކީ މިހާރު ދުނިޔޭގެ ވިޔަފާރީގެ ބާޒާރުގައި މައި އިންޖީނަށް ނުވާނެ ކަމަށެވެ.

1980 އިން ފެށިގެން ޗައިނާގެ އިގްތިސާދު ކުރިއަރަމުން އައިސްފައިވާއިރު މިހާރު އެގައުމު ދެކެމުންދާ އިގްތިސާދީ ހީނަރުކަމަކީ ފަހުގެ ތާރީހެއްގައިވެސް އެގައުމު ދެކެފައި ނުވާފަދަ އަނދިރި ދުވަސްތަކެއް ކަމަށް އިގްތިސާދީ މާހިރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު