އިނގިރޭސިވިލާތަށް ރިކޯޑް މިންވަރަކަށް ހޫނު ގަދަވެއްޖެއެވެ.

މީގެ ކުރިން ރިކޯޑް މިންވަރަކަށް އެގައުމުގެ ހޫނުމިން ގޮސްފައިވަނީ 38.7 ޑިގްރީ ސެލްޝިއަސްއަށެވެ. އެއީ 2019 ވަނަ އަހަރު ރިކޯޑް ކުރެވިފައިވާ މިންވަރެވެ. އެމިންވަރު މިއަދު މީގެ ކުރިން ވަނީ 39.1 އަށް އަރާފައެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި އެގައުމުގެ ހޫނުމިން މިހާރު ވަނީ 40.2 ޑިގްރީ ސެލްޝިއަސް އަށް އަރާފައެވެ. އެހެން ކަމުން މިއީ އެގައުމުގެ ހޫނުމިން ރިކޯޑް މިންވަރަކަށް ހޫނުވި ފަހަރެވެ.

މި ހޫނުމިން ރިކޯޑް ކުރެވިފައިވަނީ އެގައުމުގެ ލަންޑަންގެ ހީތްރޯ އެއާޕޯޓުންނެވެ. ރިޕޯޓްތަކުން ބުނާ ގޮތުގައި މިއަދު އެގައުމުގެ ހޫނުމިން ވަނީ 41 ޑިގްރީ ސެލްޝިއަސް އަށް އަރާފައެވެ.

ޔޫރަޕަށް މިހާރު ކުރިމަތިވެފައިވާ ހޫނު ގަދަވުމުގެ އަސަރު އެންމެ ބޮޑަށް ކުރަމުން އަންނަ އެއް ގައުމު ކަމަށްވާ އިނގިރޭސިވިލާތުގެ ކެންލޭގައި ރޭގަނޑު ވެސް ފިނިހޫނުމިން އުޅެނީ 25.8 ޑިގްރީ ސެލްޝިއަސް ގައި ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. އަދި ކިއު ގާޑެންސް އާއި ހީތްރޯގެ ރޭގަނޑުގެ ފިނިހޫނުމިން ރިކޯޑް ކުރެވިފައިވަނީ 38.8 ގައެވެ.

ހޫނު ގަދަވުމުގެ ސަބަބުން އެގައުމުގެ ބައެއް ގެތަކުގައި އަލިފާން ރޯވެފައިވާއިރު، ވެރިރަށް ލަންޑަންގެ މެދުތެރޭގައި އޮންނަ ލުޓޮން އިންޓަނޭޝަނަލް އެއާޕޯޓާއި އިނގިރޭސިވިލާތު ސިފައިންގެ އެންމެ ބޮޑު އަސްކަރީ އެއާޕޯޓް ކަމަށްވާ އޮކްސްފޯޑްޝައާގެ އެއާޕޯޓް ރަންވޭގެ ތާރުތައް އަންނަނީ ހޫނު ގަދަވުމުގެ ސަބަބުން ވިރެމުން ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.