ސްރީލަންކާގެ ރައީސް ކަމަށް ރާޖަޕަކްސަ އާއިލާ އިން ކޮންޓްރޯލް ކުރާ އެސްއެލްޕީޕީގެ މެންބަރު ޑުލަސް އަލަހަޕޭރުމާ ގެންނަން ގިނަ ޕާޓީތަކަކުން ތާއީދުކޮށްފިއެވެ.

ޑުލަސް އަކީ އެސްއެލްޕީޕީގެ މެންބަރެއް ނަމަވެސް މަހިންދްރަ ރާޖަޕަކްސަ އާއި ގޮތަބަޔާ ރާޖަޕަކްސަގެ ތާއީދެއް އޭނާއަކަށް ނެތެވެ. ރާޖަޕަކްސަގެ އާއިލާ އިން ތާއިދު ކުރަނީ ރަނިލް ވިކްރަމަސިންހަ ރައީސް ކަމަށް ގެންނާށެވެ.

ރާޖަޕަކްސަގެ އާއިލާގެ ތާއިދު ނެތްނަމަވެސް ޑުލަސް އަށް އެސްއެލްޕީގެ ގިނަ މެންބަރުންތަކެއްގެ ތާއިދު ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެ އިތުރުން ގާނޫނު ހަދާ މަޖިލީހުގައި އެސްއެލްޕީޕީ ފިޔަވައި ދެން އެންމެ މެންބަރުން ގިނަ އިދިކޮޅު ކޯލިޝަން ކަމަށްވާ ޓީޕީއޭ އިން މިހާރު ވަނީ ޑުލަސް އަށް ތާއިދު ކުރާނެކަން އިއުލާން ކޮށްފައެވެ. ޓީޕީއޭގެ 54 މެންބަރުން ގާނޫނު ހަދާ މަޖިލީހުގައި ތިއްބަވައެވެ.

އޭގެ އިތުރުން މުސްލިމް ކޮންގްރެސް އާއި އޯލް ސިލޯން މައްކަލް ކޮންގްރެސް އަދި ކުރީގެ ރައީސް ސިރިސޭނަގެ ފްރީޑަމް ޕާޓީ އިން ވެސް ވަނީ ޑުލަސް އަށް ތާއިދު ކުރާނެކަން އިއުލާން ކޮށްފައެވެ. އެއިން ކޮންމެ ޕާޓީއެއްގެ ވެސް އެއް މެންބަރަކު ގާނޫނު ހަދާ މަޖިލީހުގައި އިންނަވައެވެ.

އެސްއެލްޕީޕީގެ މެންބަރުންގެ ގޮތުގައި ތިއްބަވަނީ 145 މެންބަރުންނެވެ.

ގިނަ ޕާޓީތަކަކުން ޑުލަސް އަށް ތާއިދުކުރި ނަމަވެސް އޭނާއަށް ރައީސް ކަން ލިބެން އޮތީ އެސްއެލްޕީޕީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ވެސް ގިނަ މެންބަރުންގެ ތާއީދު އޭނާއަށް ލިބިގެންނެވެ.

ރައީސް ކަމަށް ދެން ވާދަކުރައްވާ އެންޕީޕީގެ ލީޑަރު އަނޫރާ ކުމާރު ޑިސަނަޔަކައަށް އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު އަދި ވަރަށް ކުޑައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު އަދިވެސް އެންމެ ބޮޑީ ރަނިލް އެވެ.

މާދަމާ ހެނދުނު އޮންނަ ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާގައި ރައީސަކު އިންތިހާބު ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު