އެމެރިކާގެ ރައީސް ޖޯ ބައިޑަން ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވާފައިވާ ކަމަށް ވައިޓް ހައުސް އިން ހާމަކޮށްފިއެވެ.

ވައިޓް ހައުސް އިން އެގޮތަށް ހާމަކޮށްފައި މިވަނީ ރައީސް ޖޯ ބައިޑަން ބުދަ ދުވަހު އޭނާއަށް ކެންސަރު ޖެހިފައިވާކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކާ ގުޅިގެން އެގައުމުގެ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދިފައި ވުމުން އެކަން ސާފުކޮށްދެއްވުމުގެ ގޮތުންނެވެ.

ކެންސަރު ޖެހިވަޑައިގެންނެވި ކަމަށް ބައިޑަން ވިދާޅުވެފައި ވަނީ ދުނިޔެ ހޫނުވުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ބުދަ ދުވަހު ތަގްރީރު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

ބައިޑަން ވިދާޅުވީ އެމަނިކުފާނެކޭ އެއްފަދައިން ޑެލަވެއާގައި ކެންސަރު ޖެހިފައި ތިބި އެތައް ބަޔަކު އުޅުނު ކަމަށެވެ. ބައިޑަންގެ ތަގުރީރުގައި އޭނާ ވިދާޅުވީ އެމެރިކާގެ ޑެލަވެއާގައި ހުންނަ އޭނާގެ ކުޑައިރުގެ ގެކޮޅު ކައިރީގައި ހުންނަ ތެޔޮ ސާފުކުރާ ކާރުޚާނާތަކުން ބޭރުކުރާ ވިހަ ގޭސްތަކުގެ ސަބަބުން ގިނަ ގެއްލުންތަކެއް ލިބިވަޑައިގެންނެވި ކަމަށެވެ. ނުރައްކާތެރި ވިހައިގެ ސަބަބުން އެހިސާބުގެ ގިނަ ބަޔަކަށް ހަމުގެ ކެންސަރު ޖެހުނު ކަމަށް ބައިޑަން ވިދާޅުވިއެވެ.

ބައިޑަން އަށް ޖެހިވަޑައިގަތީ ހަމުގެ ކެންސަރު ކަމަށް ވައިޓް ހައުސް އިން ވަނީ ހާމަކޮށްފައެވެ. އަދި ވައިޓް ހައުސްއިން ވަގުތުން ސާފުކޮށްދިން ވާހަކައަކީ، ކުރިން ހަންގަނޑުގެ ކެންސަރަށް އޭނާ ދިން ފަރުވާތަކަށް އިޝާރާތް ކުރައްވާ ދެއްކެވި ވާހަކަފުޅެއް ކަމަށެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު އެންޑްރޫ ބޭޓްސް މިކަން ރައްޔިތުންނަށް އޮޅުންވިލުއްވައި ދެއްވަމުން ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ބައިޑަން "ނޮން މެލާނޯމާ ސްކިން ކެންސަރު" އިން ފަރުވާހޯއްދެވި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރެފްރީ

    ޔަހޫދީންނަކީ ބަލިނުވާބަޔަކީތޯ ؟ ނޫންނަމަ އެމެރިކާގެރައީސުންނަކީ ބަލިނުޖައްސަވާހާމޮޅުބަޔަކީތޯ ؟؟

  2. މިތުރު

    ބަލިން ފަރުވާ ހޯދުމާ ބައްޔަށް ފަރުވާ ހޯދުމަކީ ދެކަމެއް.