ތައިލޭންޑުން މަކުނު ވިދުރި (މަންކީ ޕޮކްސް) ޖެހުނު މީހާ ގެއްލިއްޖެއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ތައިލޭންޑުން މަކުނު ވިދުރި ޖެހިފައިވަނީ ނައިޖީރިއާގެ މީހަކަށެވެ.

ތައިލޭންޑުގެ ރަށެއް ކަމަށްވާ ފުކެޓުގެ ޑެޕިއުޓީ ގަވާނަރު، ޕިޗެޓް ޕަނަޕޮންގް ބުނީ، މަކުނު ވިދުރި ޖެހިފައިވާ 27 އަހަރުގެ ފިރިހެނަކު ގެއްލިގެން ކަމާއި ބެހޭ އިދާރާތަކުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭނާ ބުނީ އެފިރިހެން މީހާއަކީ އެގައުމުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދިޔަ މީހެއް ކަމަށާއި ބެލެވޭ ގޮތުގައި އޭނާ ހޮސްޕިޓަލުން ފިލީ ކަމަށެވެ.

އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދިން ނަމަވެސް ފަރުވާ ދީފައިވަނީ އެނދުމަތި ކޮށްގެން ނޫން ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން އެގައުމުގެ އިމިގްރޭޝަންގެ އިސްވެރިއަކު ބުނީ، އޭނާ އެރަށް ދޫކޮށް ގޮސްފައި ނުވާ ކަމަށާއި އެހެން ކަމުން އެރަށުގެ ގޮނޑުދޮށް ސަރަހައްދުގައި އޭނާ އުޅޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މިއީ ތައިލޭންޑުން ފެނުނު މަކުނު ވިދުރީގެ ހަމަ އެކަނީ ވޭދަނައެވެ. މި މިހާއާއި ބައްދަލުވެފައިވާ 154 މީހަކު ދެނެގަނެވިފައިވާ ކަމަށާއި އެމީހުން ބައްޔަށް ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

އެގައުމުން މަކުނު ވިދުރި ޖެހުނު މީހާ ގެއްލުނު ނަމަވެސް އެކަމާއި ގުޅިގެން އެއްވެސް މީހަކު ހާސް ނުވުމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.

ތައިލޭންޑުގެ ކަމާއި ބެހޭ ފަރާތްތަކުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، އޭނާ ގެންގުޅުނު ފޯނު ވެސް ނިއްވާލާފައިވާ ކަމަށް އެގައުމުން ވަނީ ބުނެފައެވެ.