އީރާނުގެ ބައެއް ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހި، ހިނގި ފެންބޮޑުވުމުގެ ހާދިސާއެއްގައި 22 މީހުން މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ އެ ގައުމުގެ ދެކުނުގައިވާ ފާރްސް ޕުރޮވިންސުގައެވެ.

ފާރްސްގެ ކާރިސާތަކާ ބެހޭ އިދާރާގެ އިސް އޮފިޝަލެއް ކަމުގައިވާ ޚަލީލް އަބްދުالله ވިދާޅުވީ ފެންބޮޑުވުމާ ގުޅިގެން އެކަކު ގެއްލިފައިވާ ކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، މަގުތަކުގައި ފެންބޮޑުވެ، ކާރުތަކުގެ ތެރޭގައި ބަންދުވި 55 މީހަކު ސަލާމަތް ކޮށްފައިވާ ވިދާޅުވިއެވެ.

ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ އެސްތަބާން ކިޔާ ރަށަކަށެވެ. އެ ރަށުގެ ކޯރެއް ކަމުގައިވާ ރުދްބާލް ކޯރު ފުރިގެން ބަންޑުންވުމުގެ ސަބަބުން ގިނަ ސަރަހައްދުތަކެއްގައި ފެން ބޮޑުވިއެވެ.

މިއީ، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމުގައި މޫސުމާ ބެހޭ ސައިންސްވެރިން ބުނެއެވެ.

2019 ވަނަ އަހަރު ވެސް އީރާނުގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި، އެ ގައުމުގެ ގިނަ ރަށްތަކެއްގައި ފެން ބޮޑުވިއެވެ. އަދި، ފެންބޮޑުވުމުގެ ހާދިސާތަކުގައި 76 މީހުން އެފަހަރު މަރުވިއެވެ.