ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ހައްޔަރު ކޮށްދިނުމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާ އަކުން ސިންގަޕޫރުގެ ސަރުކާރުގައި އެދިއްޖެއެވެ.

ސްރީލަންކާ ރައްޔިތުން ސަރުކާރާއި ދެކޮޅަށް ނިކުތުމުން ގޮތަބަޔާ ޖުލައި 13 ވަނަ ދުވަހު ރާއްޖެ ވަޑައިގަތުމަށްފަހު ޖެހިގެން އައިދުވަހު ވަނީ ސިންގަޕޫރަށް ވަޑައިގެންފައެވެ. އޭނާ އަދިވެސް ހުންނެވީ ސިންގަޕޫރުގައެވެ.

ގޮތަބަޔާ ހައްޔަރު ކޮށްދިނުމަށް ސިންގަޕޫރު ސަރުކާރުގައި އެދުނީ އިންޓަނޭޝަނަލް ޓްރޫތު އެންޑް ޖަސްޓިސް ޕްރޮޖެކްޓް (އައިޓީޖޭޕީ) އިންނެވެ. އައިޓީޖޭޕީ އިން ސިންގަޕޫރުގެ އެޓާނީ ޖެނެރަލް އަށް ހުށަހެޅި 63 ސޮފްހާގެ ރިޕޯޓްގައި ބުނެފައި ވަނީ ސްރީލަންކާގައި 25 އަހަރަށް ދިގު ދެމިގެން ދިޔަ ދާހީލީ ހަނގުރާމައިގެ އެންމެ ފަހު މަރުހަލާގައި ގޮތަބަޔާ އިސްވެހުރެ، އޭނާގެ އަމުރަށް އިންސާނީ ހައްގުތަކާއި ހިލާފު އެތައް އަމަލެއް ހިންގާފައިވާ ކަމަށެވެ. ގޮތަބަޔާ ވަނީ ޖެނީވާ ކޮންވެންޝަންގެ އެތައް މާއްދާއަކާއި ހިލާފުވެފައި ކަމަށާއި އެހެންކަމުން އޭނާ ހައްޔަރުކޮށް، އޭނާގެ މައްޗަށް ޝަރީއަތް ހިންގަން ޖެހޭ ކަމަށް އައިޓީޖޭޕީ އިން ސިންގަޕޫރުގެ ސަރުކާރަށް ހުށަހެޅި ރިޕޯޓްގައި ވެއެވެ.

ސްރީލަންކާގެ ދާހިލީ ހަނގުރާމަ 2009 ވަނަ އަހަރު ނިންމާލާ، ތަމަޅަ ހަނގުރާމަވެރިން ބަލިކުރިއިރު ސްރީލަންކާގެ ޑިފެންސް މިނިސްޓަރަކަށް ހުރީ ގޮތަބަޔާ އެވެ. ގޮތަބަޔާގެ މައްޗަށް ޝަރީއަތް ހިންގަން މީގެ ކުރިން ވެސް ބައިނަލްއަޤުވާމީ އެތައް ޖަމިއްޔާ އަކުން ގޮވާލާފައިވެއެވެ. ނަމަވެސް އަދި މިހާތަނަށް އޭނާގެ މައްޗަށް ޖިނާއީ ތަހްގީގެއް ވެސް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

އައިޓީޖޭޕީގެ އެގްޒެކެޓިވް ޑިރެކްޓަރ ޔާސްމީން ސޫކާ "އަލްޖަޒީރާ" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސްރީލަންކާގެ ދާހިލީ ހަނގުރާމަ ހިނގަމުން ދިޔަ ސަރަހައްދުގައި ތިބި އދ.ގެ މުވައްޒަފުންނާއި އެހީދޭ ޖަމިއްޔާތަކުގެ މުވައްޒަފުން އެސަރަހައްދު ދޫކޮށްދާން 2008 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ގޮތަބަޔާ އެންގި ކަމަށާއި އެއީ ހަނގުރާމައިގެ ޖަރީމާތައް އެހެން ބަޔަކަށް ފެނުނަ ނުދިނުމަށްޓަކައި ގޮތަބަޔާ ކުރި ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ސިންގަޕޫރުގެ އެޓާނީ ޖެނެރަލްއަށް ހުށަހެޅި ހުށަހެޅުމުގައި އެދިފައި ވާނީ ގޮތަބަޔާ ހައްޔަރުކޮށް އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ތަހްގީގުކޮށް އޭނާގެ މައްޗަށް މިކުރެވޭ ސީރިއަސް ތުހުމަތަކާއި ގުޅިގެން ދައުވާ އުފުލައި ދިނުމަށް." ޔާސްމީން ވިދާޅުވިއެވެ.

އައިޓީޖޭޕީ އިން ވަނީ ގޮތަބަޔާ އާއި ދެކޮޅަށް އެމެރިކާގެ ކެލިފޯނިއާގެ ކޯޓެއްގައި 2019 ވަނަ އަހަރު މަދަނީ ދެދައުވާއެއް ވެސް އުފުލާފައެވެ. އޭރު ގޮތަބަޔާ އަކީ އެމެރިކާގެ ވެސް ރައްޔިތެކެވެ. ނަމަވެސް ދައުވާތައް އުފުލި ފަހުން ގޮތަބަޔާއަށް ސްރީލަންކާގެ ރައީސްކަން ލިބި އޭނާއަށް ޑިޕްލޮމެޓިކް އިމްތިޔާޒްތައް ލިބުމުން އެދެމައްސަލަ ވަނީ އަނބުރާ ގެންގޮސްފައެވެ. އެއީ ޑިޕްލޮމެޓުންގެ މައްޗަށް ޝަރީއަތް ހިންގޭނެ ގޮތެއް ނެތުމުންނެވެ.

އައިޓީޖޭޕީ އިން ސިންގަޕޫރުގެ އެޓާނީޖެނެރަލްއަށް ހުށަހެޅި މައްސަލަ އާއި ގުޅޭ ގޮތުން ގޮތަބަޔާގެ ފަރާތުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އޭނާ ހަނގުރާމައިގެ ޖަރީމާތައް ހިންގި ކަމަށް ކުރާ ތުހުމަތުތައް މީގެ ކުރިން ވަނީ ދޮގުކޮށްފައެވެ.

އައިޓީޖޭޕީ އިން ހުށަހެޅި މައްސަލަ އާއި ގުޅޭ ގޮތުން މިހާތަނަށް ސިންގަޕޫރުގެ އެޓާނީޖެނެރަލްގެ އޮފީހުން ވެސް އަދި އެގައުމުގެ ފޮރިން މިނިސްޓްރީން ވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި ގޮތަބަޔާގެ މައްސަލަ ބެލުމަށް ސިންގަޕޫރުގެ ގާނޫނީ ނިޒާމްގެ ތެރެއިން ފުރުސަތު އެބައޮތެވެ. ނަމަވެސް ސިންގަޕޫރަކީ މީގެ ކުރިން އެހެން ގައުމުތަކުގެ ވެރިންގެ މިބާވަތުގެ މައްސަލަތަކުގެ ތެރެއަށް ވަދެ، އެފަދަ މައްސަލަތައް ބެލި ގައުމަކަށް ނުވާތީ މިފަހަރު ވެސް ގޮތަބަޔާގެ މައްސަލަ ބަލަން މަސައްކަތް ކޮށްފާނެ ކަމަށް ނުބެލެވޭ ކަމުގައި ސިންގަޕޫރުގެ ގާނޫނީ ވަކީލުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރިޒާ

    ރާއްޖޭގެ އިސްތިއުފާ ދިން ރައީސް އަވަދިނެތި އެއުޅެނީ ލަންކާގެ އިސްތިއުފާދިން ރައީސްގެ އެޖެންޓަކަށް ވެގެން ހިމާޔަތް ހޯދުމަށް ރަސްމީ ދަތުރުފުޅެއްގައި

    6
    2
  2. Anonymous

    މިފަދަ އަނިޔާވެރި ވެރިއެއް ޤައުމާ ރައްޔިތުންނަށް ޚިޔާނާތްތެރިވެ އެތައް ބައެއްގެ ޙައްޤުތަކަށް އަރައިގަތުމަށް ފަހު ފިލައިގެން އުޅުމަށް ފުރުސަތު ދެވިގެން ނުވާނެ. ހަމަ މިހާރުން މިހާރަށްް އޭނާ ހައްޔަރުކޮށް އިންސާފުގެ ކުރިމައްޗައް ގެނެސް އެމީހުންގެ ޑިމޮކްރަސީން ވިޔަސް ކޮންމެވެސް އަދަބެއް ދިނުމަށް އަޑަށް ބާރުލާ ގޮވާލަން.