ސްރީލަންކާގެ ރައީސް ކަމަށް ރަނިލް ވިކްރަމަސިންހަ އައީ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ފައިސާ ދީގެން ވޯޓް ގަނެގެން ކަމަށް އިދިކޮޅު މެންބަރު އަނޫރާ ކުމާރު ޑިސަނަޔަކަ ވިދާޅުވެއްޖެއެވެ.

ޑިސަނަޔަކަ ވަނީ ރައީސް ކަމަށް ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓްގައި ވާދަކުރައްވާފައެވެ. އޭނާ އާއި ރަނިލްގެ އިތުރުން ދެން ރައީސް ކަމަށް ވާދަކުރެއްވީ ވެރިކަންކުރާ އެސްއެލްޕީޕީގެ މެންބަރު ޑުލަސް އެވެ. އިދިކޮޅު މައި ޕާޓީތަކުން އޮތީ ޑުލަސް އަށް ވޯޓް ދޭނެކަން ކުރިން އިއުލާން ކޮށްފައެވެ. ރަނިލް ވެސް ވާދަކުރެއްވީ އެސްޕީޕީގެ ފަރާތުންނެވެ. ރަނިލްއަށް ތާއިދުނުކޮށް ޑުލަސްއަށް ވޯޓް ދޭނެ ކަމަށް އެސްއެލްޕީޕީގެ ބައެއް މެންބަރުން ވެސް ވިދާޅުވެފައި އޮތުމުން ޑުލަސް އާއި ރަނިލްގެ ފަރަގު ވޯޓްގައި ކުޑަވާނެ ކަމަށް ބެލެވުނެވެ.

ނަމަވެސް ރަނިލް އިންތިހާބު ކާމިޔާބު ކުރީ ބޮޑު ތަފާތަކުންނެވެ. ރަނިލް 134 ވޯޓް ހޯއްދެވިއިރު ޑުލަސް އަށް ލިބިވަޑައިގެންނެވީ 82 ވޯޓެވެ. ޑިސަނަޔަކަށް ލިބިވަޑައިގެންނެވީ ތިން ވޯޓެވެ.

ސްރީލަންކާގެ މީޑިއާގައި ވާހަކަދައްކަވަމުން ޑިސަނަޔަކަ ވިދާޅުވީ ފެންނަ ފެނުމަށް އިދިކޮޅު ފަރާތްތަކާއިއެކު ތިއްބެވި ގިނަ މެންބަރުންތަކެއް ރަނިލް ރައީސް ކަމަށް ގެންނަން ވޯޓް ދީފައިވާ ކަމަށެވެ.

"އިދިކޮޅުގައި ތިބި ހުރިހާ މެންބަރުން ރަނިލް އާއި ދެކޮޅަށް ވޯޓް ދިންނަމަ ރަނިލްއަށް 134 ވޯޓް ލިބޭނެ ގޮތެއް ނޯންނާނެ. ރަނިލްއަށް އެއަދަދަށް ވޯޓް ލިބުނީ އެސްޖޭބީގެ މެންބަރުންތަކެއް ސިއްރުން ރަނިލްއަށް ވޯޓް ދިނުމުން." ޑިސަނަޔަކަ ވިދާޅުވިއެވެ.

ޑިސަނަޔަކަ ވިދާޅުވީ ސްރީލަންކާ ރައްޔިތުންނަށް އޮތް ނުރައްކަލަކީ ރަނިލްގެ އަތުން ފައިސާ ނަގައިގެން ވޯޓް ވިއްކާލި މެންބަރުން ވޯޓަށް ފަހު އަނެއްކާވެސް އިދިކޮޅު ފަރާތްތަކާއިއެކު ތިބުން ކަމަށެވެ. "އެންމެ ބޮޑު ނުރައްކަލަކީ އެމީހުން. އެމީހުންގެ ހަގީގަތެއް އަހަރެމެންނަކަށް ނޭންގެ. މާދަމާ ވެސް ސިއްރު ވޯޓެއް ލައިފިނަމަ އެމީހުން ފައިސާއަށް ވޯޓް ވިއްކާލާނެ." ޑިސަނަޔަކަ ވިދާޅުވިއެވެ.

ސްރީލަންކާގެ ރައީސް ހޮވަން މަޖިލީހުގައި ވޯޓް ނެގި ދުވަހު ބައެއް މެންބަރުންނަށް ޕާޓީތަކުގެ ލީޑަރުން ވޯޓް ކަރުދާހުން ފޮޓޯ ނަގަން އަންގާފައިވާ އެދުވަހު މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އެހެންވެ މެންބަރުން މަޖިލީހުގެ ޖަލްސާއަށް ފޯނު ވެއްދުން ވެސް އެދުވަހު މަނާ ކުރިއެވެ.