ސްރީލަންކާގެ ސަރުކާރުން ހިންގަމުންދާ ސްކޫލްތަކާއި ޕްރައިވެޓް ސްކޫލްތައް މިއަދު އަލުން ހުޅުވައިފިއެވެ.

ލަންކާގެ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ވަކި އެއްޗެއް އަންގަންދެން ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ސްކޫލްތަކުގައި ކިޔެވުން ކުރިއަށް ދާނެ ކަމަށެވެ. އަދި ބުދަ ދުވަހާއި ހުކުރު ދުވަހު ކުރިއަށް ދާނީ ދަރިވަރުންނަށް ހާއްސަކޮށްގެން އޮންލައިން ކްލާސްތަކެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

ލަންކާގެ ދެކުނު ޕްރޮވިންސްގެ އެޑިއުކޭޝަން ސެކްރެޓަރީ ރަންޖިތު ޔަޕާ ވިދާޅުވީ އެ ސަރަހައްދުތަކުގެ ސްކޫލްތަކުގެ ކިޔެވުން މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.

އެ ސަރަހައްދުގައި އުޅޭ ޕްރިންސިޕަލުންނާއި ޓީޗަރުންނާއި މުވައްޒަފުން ދަތުރުފަތުރު ކުރުމުގައި ދަތިތަކާ ކުރިމަތިވެގެން ސްކޫލަށް ހާޒިރު ނުވެވޭ ނަމަ، އެކަން އެންގުމަށް އެދިފައިވެއެވެ.

ލަންކާގައި ކާބޯތަކެއްޗާއި ތެލުގެ ދަތިކަން އިންތިހާއަށް ބޮޑުވެ، އިގްތިސާދީ ބޮޑު އަނދަވަޅަކަށް ވެއްޓިފައިވާއިރު، ރައްޔިތުން ވަނީ ކެތްތެރިކަން ކޮޅުންލައި މަގުތަކަށް ނުކުމެފައެވެ. އެ ގައުމުގެ ރައްޔިތުން ސިލްސިލާ މުޒާހަރާތަކެއް ކުރަމުން އަންނަތާ އެތައް މަހެއް ވަނީ ވެފައެވެ.

އެންމެ ފަހުން މި މަހުގެ ކުރީކޮޅު މަގުތަކަށް ނުކުތް ލަންކާގެ އެތައް ހާސް ރައްޔިތުން ވަނީ ރިޔާސީ ގަނޑުވަރާއި ސަރުކާރުގެ މުހިންމު ތަންތަން އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ. އެއާއެކު، ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ އިސްތިއުފާ ދެއްވައިފައެވެ.

އެކަމަކު، ލަންކާގެ ގާނޫނު ހަދާ މަޖިލިހުގެ މެމްބަރުންގެ ވޯޓުން ލަންކާގެ ރައީސް ކަމަށް ރަނިލް ވަނީ އިންތިހާބުކޮށްފައެވެ. މި ނިންމުމާ މެދުގައި ލަންކާ ރައްޔިތުން ހިތްހަމައެއް ނުޖެހެއެވެ. އެ ގައުމުގެ ރައްޔިތުން އަދިވެސް ތިބީ މަގުމަތީގައެވެ.