ދުނިޔޭގެ އެންމެ ބޮޑު އާބާދީ ދިރިއުޅެމުންދާ ޗައިނާގައި 2025 ވަނަ އަހަރު އަންނަންވާއިރަށް އާބާދީ ކުޑަވާން ފަށާނެކަމަށް އެގައުމުން ލަފާކޮށްފިއެވެ.

ޗައިނާގެ އާބާދީ އިތުރުވުން ވަރަށް ބޮޑަށް މަޑުޖެހިފައިވާ ކަމަށާއި، 2025 ވަނަ އަހަރު ޗައިނާގެ އާބާދީ ކުޑަވާން ފަށާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައި ވަނީ އެ ގައުމުގެ ސިއްހަތާ ބެހޭ އިސް އޮފިޝަލަކާ ހަވާލާދީ ބޭރުގެ ނޫހެއް ކަމަށްވާ ގްލޯބަލް ޓައިމްސް ނޫހުންނެވެ.

އާދީއްތަ ދުވަހުގެ ރޭ އާންމުކުރި އާބާދީއިތުރުވި ޑޭޓާއިން ދައްކާ ގޮތުގައި 2021 ވަނަ އަހަރު ގިނަ ޕްރޮވިންސްތަކެއްގައި އަލަށް އުފަންވާ ކުދިންގެ އަދަދު ވަނީ ފާއިތުވި ދިހަ އަހަރުވެސް ދަށަށްނުދާ މިންވަރަށް ދަށްވެފައެވެ.

ގްލޯބަލް ޓައިމްސް އިން ބުނި ގޮތުގައި މެދުތެރޭ ހުނާން ޕްރޮވިންސްގައި އުފަންވާ ކުދިންގެ އަދަދު 500،000 އަށް ވުރެ ދަށަށް ވެއްޓުނު އިރު، މިއީ ފާއިތުވީ 60 ވަރަކަށް އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެ ޕްރޮވިންސްގައި އުފަންވި ކުދިންގެ އަދަދު މިވަރަށް ދަށަށް ދިޔަ ފަހަރު ކަމަށެވެ. އަދި ޗައިނާގެ ދެކުނުގެ ގުއާންޑޮންގް ޕްރޮވިންސަށް އަލަށް އުފަންވެފައިވާ ކުދިންގެ އަދަދު އުޅެނީ އެއް މިލިއަންގައެވެ.

ޗައިނާގެ ގިނަ ޒުވާނުން ދަރިން ނުހޯދުމަށް އިޚްތިޔާރު ކުރާކަމަށާއި އެގޮތަށް ނިންމަނީ ދިރިއުޅުމުގެ ހަރަދު ބޮޑުވުމާއި، މަސައްކަތުގެ ޕްރެޝަރު މަތިވުން ފަދަ ކަންތައްތަކުގެ ސަބަބުން ކަމަށް ޗައިނާއިން ބުނެއެވެ.

ނޭޝަނަލް ހެލްތު ކޮމިޝަންގެ ޕޮޕިއުލޭޝަން އެންޑް ފެމިލީ އެފެއާޒްގެ ވެރިޔާ ޔަންގް ވެންޒުއަންގް އާ ހަވާލާދީ ގްލޯބަލް ޓައިމްސް އިން ބުނީ ޗައިނާގެ އާބާދީ 2021-2025 ގައި ކުޑަވާން ފަށާނެ ކަމަށް ބެލެވޭ ކަމަށެވެ.

އަންހެނުންނަށް ތިން ދަރިން ލިބޭ ގޮތަށް ޗައިނާގެ ގާނޫނުތަކަށް މިދިޔަ އަހަރު ގެނައި ބަދަލުން އެއްވެސް ފައިދާއެއް ނުކުރާ އިރު، ގިނަ އަންހެނުން ބުނާ ގޮތުގައި އެ ބަދަލަށް އަސަރު ނުކުރަނީ، ވަޒީފާގެ ޔަގީންކަން އަދިވެސް އެކަށީގެންވާ މިންވަރަށް ނުލިބުމާއި ޖިންސީ ތަފާތުގެ ހަމަހަމަކަން ނެތުމުގެ މައްސަލަ ކުރިމަތިވެފައި ވާތީ އެވެ.

ކިޔުންތެރިންގެ ހިޔާލު