ފިލިޕީންސްއަށް 7.1 މެގްނެޓިއުޑް ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.

ޔޫރަޕިއަން މެޑިޓެރޭނިއަން ސިސްމޮލޮޖިކަލް ސެންޓަރުން ދެންމެ ބުނީ މި ބިންހެލުން އައިސްފައިވަނީ ލުޒޯން ސިޓީގެ ކައިރިން 40 ކިލޯމީޓަރު އަޑިން ކަމަށެވެ.

އިލޮކޮސް ސުރް ޕްރޮވިންސްގެ ދެވަނަ ޑިސްޓްރިކްޓް ތަމްސީލުކުރައްވާ ކޮންގްރެސް މެމްބަރު އެރިކް ސިންސަން ވަނީ އެ ބިންހެލުމާއި ގުޅިގެން އައި ލޮޅުންތަކަށްފަހު، އާއްމުން ގެތަކުން ނުކުތުމަށް ކަމާބެހޭ އިދާރާތަކުން އަންގާފައިވާކަން "ސީއެންއެން" އަށް ކަށަވަރު ކޮށްދީފައެވެ.

ޕެސިފިކް ސުނާމީ ވޯނިންގ ސެންޓަރުން ބުނީ ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކަށް މި ބިންހެލުމާއި ގުޅިގެން ސުނާމީ އެލާޓެއް ނެތް ކަމަށެވެ.

ބިންހެލުން އައި ސަރަހައްދުގެ މޭޔަރު ނެރުއްވި ބަޔާނުގައި ވިދާޅުވީ ބިންހެލުމުގެ ސަބަބުން ވަރަށް ގިނަ އާއްމުންގެ ގެތަކަށާއި، އިމާރާތްތަކަށް ގެއްލުން ވެފައިވާ ކަމަށެވެ. ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތައް އިތުރަށް ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބިންހެލުމުގެ ސަބަބުން އެއްވެސް މީހަކު މަރުވިކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް ބިންހެލުމުގެ ސަބަބުން ބައެއް މީހުންނަށް އަނިޔާވެފައިވެއެވެ. ބިންހެލުމުގެ ސަބަބުން އަނިޔާވި މީހުންނަށް ފަރުވާދެމުންދާ ކަމަށް ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭ އިދާރާތަކުން ބުނެއެވެ.

ބާރުގަދަ ބިންހެލުމެއް އައިސްފައި ވާތީ އެބިންހެލުމަށްފަހު އަދިވެސް އިތުރު ލޮޅުންތަކެއް އައުން އެކަށީގެންވާ ކަމަށް ފިލިޕީންސްގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ބިންހެލުން އައި ސަރަހައްދާއި ވެރިރަށް މެނީލާއާއި ދެމެދު 400 ކިލޯމީޓަރުގެ ދުރުމިން ހުރިނަމަވެސް މެނީލާއަށް ވެސް ވަނީ ބިންހެލުމުގެ ލޮޅުން އިހްސާސް ކުރެވިފައެވެ. ނަމަވެސް މެނީލާގެ އިމާރާތަކަށް ބިންހެލުމުގެ ސަބަބުން ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.