ސްރީ ލަންކާގެ މައުންޓް ލަވިނިއާ ނަމްބަރު ދެ މެޖިސްޓްރޭޓް ކޯޓު ތެރޭގައި ބަޑީގެ ހަމަލާތަކެއް ދީފިއެވެ.

މިއަދު މެންދުރުގެ ވަގުތެއްގައި މީހަކު ބަޑީގެ ހަމަލާތަކެއް ދޭން މަސައްކަތް ކޮށްފައި ވަނީ ދައުވާ ލިބޭ ފަރާތަކަށެވެ.

އެހެން ނަމަވެސް މި ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާ ވެފައެއް ނުވެއެވެ.

ލަންކާ ފުލުހުން ބުނީ ބަޑިޖަހާފައި ވަނީ މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލައެއް ޝަރީއަތް ކުރިއަށް ދަނިކޮށެވެ.

ފުލުހުން ބުނި ގޮތުގައި އެއްވެ ތިބި މީހުންގެ ތެރެއިން މީހަކު ބަޑީގެ ހަމަލާ އަމާޒުކޮށްފައި ވަނީ ޝަރީއަތަށް ކޯޓުގައި ހުރި ދައުވާ ލިބޭ ފަރާތަކަށެވެ.

އެ ސަރަހައްދުގައި ހުރި ނޫސްވެރިއަކު ބުނިގޮތުގައި، ދެ ފަހަރަށް ބަޑީގެ އަޑު އިވުނު ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަަކަށް އަނިޔާވެފައި ނުވެއެވެ.

އަދި ބަޑިޖެހި މީހާ ވަނީ ތިން ވަނަ ފަހަރަށް ބަޑިޖެހި ކަމަށް ބުނެފައި ވެއެވެ. އެއީ އެތަނުގެ ތެރޭގައި އޭނާގެ ފިލައިގެން ދިއުމަށްޓަކައި އެއްވެ ތިބި މީހުން ބިރުގަންނަވާށެވެ.