އެމެރިކާގެ ފްލޮރިޑާގެ ރިސޯޓް ސަރަހައްދެއް ކަމަށްވާ މާލާގޯގައި ހުންނަ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގެއަށް އެމެރިކާގެ އެފްބީއައިގެ އޮފިސަރުން ވަދެ ފާސްކޮށް، ބައެއް ލިޔެކިޔުންތައް ގެންދިޔަ މައްސަލަ ބަލަން ޓްރަމްޕް ނިސްބަތްވާ އެމެރިކާގެ ރިޕަބްލިކަން ޕާޓީން ނިންމައިފިއެވެ.

ރިޕަބްލިކަން ޕާޓީއަށް ނިސްބްތްވާ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި މައިނޯރިޓީ ލީޑަރު ކެވިން މެކާތީ ވަނީ ޓްރަމްޕް ގެއަށް އެފްބީއައި އިން ވަތް މައްސަލަަ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.

މަކާތީ ވިދާޅުވީ އެމެރިކާ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން މާބޮޑަށް ވެސް ސިޔާސީ ވެފައިވާ ކަމަށެވެ. އަދި ރިޕަބްލިކުންނަށް މެޖޯރިޓީ ލިބުމުން ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން ކަންކުރި ގޮތް ވަރަށް ރަނގަޅަށް ބަލާނެ ކަމަށާއި އަިދ ނުފޮރޮޅާ އެންމެ ގާކޮޅެއް ވެސް ނުބައިންދާނެ ކަމަށް ބުނެފައިވެއެވެ.

އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި ޓްރަމްޕްގެ ގެއަކަށް އެފްބީއައި އިން ވަދެފައި ވަނީ އެމެރިކާގެ ވެރިކަމުގައި ޓްރަމްޕް ހުރިއިރު އެމެރިކާ ސަރުކާރުގެ ސިއްރު ލިޔެކިޔުންތަކެއް މާލާގޯގައި ހުންނަ ގެއަށް ގެންދިޔަ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

ކޯޓު އަމުރެއްގެ ދަށުން ޓްރަމްޕްގެ ގެ ފާސްކުރިއިރު ޓްރަމްޕް ހުރީ ޓްރަމްޕް އާއްމުކޮށް ދިރިއުޅޭ ނިއުޔޯކްގެ ޓްރަމްޕް ޓަވަރުގައެވެ. ނަމަވެސް ޓްރަމްޕް ވަނީ މާލާގޯގައި ހުންނަ ގެއަށް އެފްބީއައި އިން ވަނުމުން އެކަމާ ނުރުހުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ.

އެބަޔާނުގައި ޓްރަމްޕް ބުނީ ގޭގައި ހުރި ތިޖޫރިއެއް ވެސް އެފްބީއައި އިން ހަލާކުކޮށްލާފައިވާ ކަމަށެވެ.

ޓްރަމްޕްގެ ވަކީލުން ބުނީ އެފްބީއައި އަށް ޓްރަމްޕްގެ ފަރާތުން ދޭން ޖެހޭ އެއްބާރުލުން ދެމުން އަންނަ ކަމަށެވެ. ޓްރަމްޕް ގާނޫނާ ހިލާފު ކަމެއް ކޮށްފައި ނޯންނާނެ ކަމަށް ވެސް ވަކީލުން ބުނެއެވެ.

އެމެރިކާގައި 2024 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޓްރަމްޕް ވާދަކުރާނެ ކަމަށް ބެލެވެއެވެ. ނަމަވެސް އޭގެ ކުރިން ޓްރަމްޕްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ ރިޔާސީ ކެންޑިޑޭޓަކަށް ވުމުގެ ފުރުސަތު ބަންދުވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.