ކޮވިޑް-19 ޖައްސާ، ސާސް-ކޮވް-2 ވައިރަސް އައި ކަމަށް "އެންމެ ބޮޑަށް ލަފާކުރެވެނީ" ޗައިނާގެ ސަރުކާރުން ކޮންޓްރޯލް ކުރާ ލެބަކުން ކަމަށް، އެމެރިކާގެ ތަހުގީގީ އިދާރާ، އެފްބީއައި އިން ގަބޫލު ކުރާ ކަމަށް، އެ އިދާރާ ގެ ޑިރެކްޓަރ ކްރިސްޓޮފަރ ރޭ ވިދާޅުވެއްޖެއެވެ.

"މި ޕެންޑަމިކް ފެށުމަށް އެންމެ ފުރުސަތު ބޮޑީ ލެބޯޓްރީ ހާދިސާއަކުން ކަމަށް އެފްބީއައި ގެ ތަހުގީގުތަކުން ހާމަވޭ." ފޮކްސް ނޫހާއި ވާހަކަ ދައްކަވަމުން ރޭ ވިދާޅުވިއެވެ.

ޕެންޑަމިކް ވައިރަސް ފެތުރެން ފެށީ ކިހިނެއް ކަމާއި މެދު އެފްބީއައި ގެ ގަބޫލުކުރާ ގޮތް އާންމުކޮށް ކަށަވަރު ކޮށްދިން މިއީ ފުރަތަމަ ފަހަރެވެ.

އެކަށީގެންވާ ހެކި ނެތުމާއެކު ވަރަށް ގިނަ ސައިންޓިސްޓުން ވަނީ ލެބޯޓްރީ ލީކް ތިއަރީ ގަބޫލުކުރަން ދެކޮޅުވެސް ހަދާފައެވެ. އަދި އެމެރިކާގެ ސަރުކާރުގެ ގިނަ އެހެނިހެން އިދާރާތަކުގެ ހިޔާލުވެސް މިކަމުގައި އެފްބީއައި އާއި ތަފާތެވެ.

ބައެއް އިދާރާތަކުން ބުނެފައިވަނީ ވައިރަސް އައީ ލެބުން ނޫންކަމަށާއި، ވައިރަސް އިންސާނުންގެ ތެރޭގައި ފެތުރުނީ ޖަނަވާރުންގެ ފަރާތުން ކަމަށެވެ. ނަމަވެސް އެ އިދާރާތަކުންވެސް އެހެން ބުނެފައިވަނީ އެހާ ބޮޑު ޔަގީން ކަމެއް ނެތިއެވެ.

ޗައިނާއާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ގުޅިގެން 2021 ވަނަ އަހަރު ކުރިއަށް ގެންދިޔަ ތަހުގީގަކަށްފަހު ބުނެފައިވަނީ، ލެބުން ވައިރަސް ލީކުވުމުގެ ތިއަރީ ގެ ފުރުސަތު ވަރަށް ހަނި ކަމަށެވެ.

ނަމަވެސް އޭގެ ފަހުން، "ހުރިހާ ތިއަރީ ތަކެއްގެ ވެސް ފުރުސަތު އޮތް ކަމަށާއި އިތުރަށް އެކަން ބަލަން ޖެހޭ" ކަމަށް ވިދާޅުވެ، އިތުރު ތަހުގީގެއް ކުރަން ޑަބްލިއުއެޗްއޯ ގެ ޑިރެކްޓަރ ޖެނެރަލް ގޮވާލެއްވުމުން، އެ ޖަމިއްޔާއިން ކުރިން ކުރި ތަހުގީގަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒު ވެފައެވެ.

އެފްބީއައި އިން މިހެން ބުނެފައިވާއިރު، އޭގެ އެއް ދުވަސް ކުރިން، އެމެރިކާއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ވަނީ ކޮވިޑް އައި ތަނަކާއި މެދު ޗައިނާއިން "ތެދުވެރިވާން" ގޮވާލާފައެވެ.

އިއްޔެ ދިން ބަސްދީގަތުގައި ރޭ ވިދާޅުވެފައިވަނީ، ބައިނަލްއަގުވާމީ ޕެންޑަމިކް ފެށުނު ގޮތެއް ހޯދުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސް އެޅުމަށާއި، ނާކާމިޔާބު ކޮށްލުމަށް ޗައިނާއިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެއީ އެއްވެސް މީހަކަށް ރަނގަޅު ގޮތެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ރައްދުގައި ޗައިނާއިން އެމެރިކާއަށް ތުހުމަތުކުރީ ސިޔާސީ ނުފޫޒު ގަދަ ކުރާކަމަށެވެ.

"އެމީހުން އެ ނިންމާފައިވާ ނިންމުންތަކުގައި އެއްވެސް އިތުބާރެއް، ޔަގީންކަމެއް ނެތް." ޗައިނާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު މާއޯ ނިންގް ވިދާޅުވިއެވެ.

ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ވައިރަސް ފުރަތަމަ ފެތުރުނީ ޗައިނާގެ ވޫހާންގެ މާރުކެޓަކުން، ޖަނަވާރުންގެ ފަރާތުންނެވެ.

ގްލާސްގޯ ޔުނިވާސިޓީގެ ވައިރަލް ޖީނޯމިކްސް އަދި ބަޔޯއިންފޯމެޓިކްސް ގެ ވެރިޔާ، ޕްރޮފެސަރ ޑޭވިޑް ރޮބާޓްސަން ވިދާޅުވީ ވައިރަސް އައިސްފައި ވަނީ ގުދުރަތީ ގޮތުން ކަމަށް ބެލެވޭ ކަމަށެވެ.

ހޯމަ ދުވަހު ވައިޓްހައުސްގެ ގައުމީ ސަލާމަތާއި ބެހޭ ކައުންސިލްގެ ތަރުޖަމާނު ޖޯން ކާބީ ވިދާޅުވެފައިވަނީ ކޮވިޑް އައި ގޮތް ހޯދުމަށްޓަކައި "މުޅި ސަރުކާރު ގުޅިގެން މަސައްކަތް ކުރުމަށް" ރައީސް ޖޯ ބައިޑަން ތާއީދު ކުރައްވާ ކަމަށެވެ. ނަމަވެސް އަދި ކޮވިޑް އައި ގޮތަކާއި މެދު އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށް ވެސް ކާބީ ވިދާޅުވިއެވެ.

ދާދި ފަހުން ފެންމަތިވި ޖާސޫސީ ފުއްޕާހަމުގެ މައްސަލައިގައި އަދި ޗައިނާ އާއި ރަޝިއާގެ ބަދަހި ވަމުންދާ ގުޅުމާއި ހެދި އެމެރިކާ އާއި ޗައިނާގެ ގުޅުން އޮތީ މިހާރުވެސް ވަރަށް ބޮޑަށް ގޯސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވާނުވާގައި

    އަނެއްކާ މިިސްކިތު ހުޅުޖެހިމީހާ ފަޅާއަރަނީތަ

  2. ޢ

    ސީއައިއޭއިން އިރާގުގަ ފަނާކުރުވަނިވި ހަތިޔާރުހުރިކަމައްބުނެ އިރާގުގެ އެތައްމިލިއަން މީހުންމެރިބަޔެއް އެމެރިކާއަކީ

  3. ބޯކިބާ

    ކޮބާތަ އިރާގުގަހުރި އެއްކަލަ އެއްޗެހި މިހާރު.

  4. އަބްދޫ

    ޗައިނާއިން ލީކްވިކީ ނޫން .ކްރޯނާފެނުމުގެ ކުޑަދުވަސްކޮލެއްކުރިން އެމަރިކާއިން ޗައިނާއަށް ދިޔަ ވަފުދުން. ކްރޯނާ ވައިރަސް މާރުކޭޓަކަށް ދޫކޮށްލީ. ވައިރަސް ފެށުނީ އެމާރުކޭޓުން .އެއީ ވާލާއި އެފަދަ ސޫފި ވިއްކާ މާރުކޭޓެއް. މިއީ ތުހުމަތެއްނޫން . ޗައިނާ އިން ވައިރަސް ފެނުމުގެ ކުރިން އެމެރިކާއާއ ޔޫރަޕްގެ ބައެއް ގައުމުން މި ވައިރަސް ފެނިފަ އެބަހުރި