އިރާގުގެ ނުފޫޒުގަދަ ޝިއީ ލީޑަރު މުގްތަދާ އަލްސަދްރު ސިޔާސީ ކަންކަމުން ދުރުވިކަން އިއުލާނު ކުރެއްވުމާއެކު، އޭނާގެ ސަޕޯޓަރުންނާއި އިތުރު މީހުން މަގުތަކަށް ނުކުމެ ކުރަމުންދާ މުޒާހަރާގެ ތެރެއިން ރިޔާސީ ގަނޑުވަރަށް ވަދެއްޖެއެވެ.

މިއީ މީގެ ދެ މަހެއްހާ ދުވަސް ކުރިން ސްރީލަންކާގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، ކޮލަމްބޯގައި ހުންނަ ރިޔާސީ ގަނޑުވަރަށް އެތައްހާސް ބަޔަކު ވަދެ ހިނގި ފަދަ ހާދިސާއެކެވެ. މިފަހަރު އިރާގުގެ ވެރިރަށް ބަގްދާދު ސިޓީގައި ވެސް ފެންނަމުން ދަނީ އެފަދަ މަންޒަރު ތަކެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ބަގްދާދުގައި ހިނގި ހަމަނުޖެހުންތަކުގައި އަށް ވަރަކަށް މީހުން މަރުވެފައިވާއިރު، މުޒާހަރާގެ ސަފްތައް ރޫޅާލުމަށް ސަލާމަތީ ބާރުތަކުން ވަނީ ކަރުނަ ގޭސް ބޭނުން ކުރަން ފަށާފައެވެ.

މިހާރު މީސް މީޑިއާގައި ދަނީ އެ މަންޒަރުތަކުގެ ވީޑިއޯތައް އާއްމުވަމުންނެވެ. އޭގެ ތެރޭގައި ބައެއް މީހުން ރިޔާސީ ގަނޑުވަރަށް ވަދެ ކުރަމުންދާ ކަންތަކުގެ ވީޑިއޯތައް ވެސް ހިމެނެއެވެ.

އެގޮތުން ލަންކާގެ ރިޔާސީ ގަނޑުވަރަށް މުޒާހަރާގެ ބައިވެރިން ވަދެގަނެ، ޕޫލަށް އެރި އުޅުނުއިރު، އެފަދަ މަންޒަރުތައް އިރާގުގެ ރިޔާސީ ގަނޑުވަރުން ވެސް ދަނީ ފެންނަމުންނެވެ.

އިރާގް ސިޔާސީ ޑެޑްލޮކެއްގެ ތެރޭގައި އޮތް މި ދަނޑިވަޅުގައި ސަދްރުގެ ސަޕޯޓަރުން ނުވަތަ އޭނާގެ ވާދަވެރިންގެ ސަޕޯޓަރުން ރައީސްގެ ގެކޮޅަށް ވަދެ ގަނެ، އެތަނުގެ ޕޫލް ތެރޭގައި ދަނީ ވަގުތު ހޭދަ ކުރަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ސަދްރުގެ ސަޕޯޓަރުންނާއި ތެހެރާނުގެ ވާގިވެރިވާ ޔުނިޓްތަކުން އެކަކު އަނެކަކަށް ގަލުން ހަމަލާދީފައިވާއިރު ބަޑީގެ ހަމަލާތަކާއި ހަތިޔާރުބޭނުންކޮށްގެން ބަޑިޖަހާފައިވެއެވެ.

މިހާދިސާ ހިނގާފައިވަނީ ބަގްދާދުގެ ގްރީން ޒޯންގައެވެ، މިއީ އެމްބަސީތައް ހުންނަ ސަރަހައްދެކެވެ.

މި ހަމަނުޖެހުންތަކާއި ގުޅިގެން އިރާގުގެ އަސްކަރިއްޔާއިން ވަނީ ކާފިއު އިއުލާންކޮށް، މުޒާހަރާގެ ބައިވެރިން އެ ޒޯން ހުސްކުރުމަށް ގޮވާލާފައެވެ.