ކުޑަ މަތިންދާބޯތެއް އެމެރިކާގެ ފްލޮރިޑާގެ ގެއަކަށް ވެއްޓި ދެ މީހުން މަރުވެއްޖެއެވެ.

އެ ބޯޓު ވެއްޓުނީ އެމެރިކާގެ ފްލޮރިޑާގެ ސިޓީއެއް ކަމަށްވާ މިރަމާރް ސިޓީގެ ގެއަކަށެވެ.

ބޯޓު ވެއްޓުމުގެ ސަބަބުން މަރުވީ އެ ބޯޓުގައި ތިބި ދެ މީހުން ކަމަށް މިރަމާރްގެ ފުލުހުން ބުނެއެވެ.

އެ ހާދިސާގައި ގޭގެ އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެެވެ.

އެ ގޭގައި ދިރިއުޅޭ މީހެއް ކަމަށްވާ މެންޔާނިސް މޮރީނޯ ބުނީ ބޯޓު ވެއްޓުނު އިރު އޭނާ ހުރީ ދެ އަހަރުގެ ކުޑަ ދަރިފުޅާއެކު ކޮޓަރީގައި ކަމަށެވެ. އަދި ކުއްލިއަކަށް ފުރާޅު މަތިން ވަރުގަދަ އަޑެއް އިވިގެން ބޭރަށް ނުކުތްއިރު މަތިންދާ ބޯޓެއް ގޭ މައްޗަށް ވެއްޓިފައި އޮތް ކަމަށް ބުންޏެވެ.

"އަހަރެން ހުރީ ބަރަށް ބިރުން. އަހަންނާއި އަހަރެންގެ ދަރިފުޅު ކިރިޔާ މަރުނުވީ." މޮރީނޯ ބުންޏެވެ.

އޭނާ އިތުރަށް ބުނީ އޭނާގެ ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް ފުރާނަ ސަލާމަތްވީތީ އުފާ ކުރާ ކަމަށެވެ.

ބައެއް މާހިރުން ބުނެފައިވާ ގޮތުގައި އެ ހާދިސާ ހިނގީ އިންޖީނު ފެއިލްވެގެން ކަމަށް ބެލެވޭ ކަމަށެވެ.

އެ ހާދިސާގައި މަރުވި މީހުންގެ ނަން ފުލުހުން ހާމައެއް ނުކުރެ އެވެ. އެކަމަކު ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މަރުވި އެކަކީ ޖޯޑަން ޝްރިއުޑް ކިޔާ މީހެކެވެ.

ބޯޓު ވެއްޓުނު އިރު އެ ބޯޓުގެ މިސްރާބު ހުރީ ނޯތު ޕެރީ އެއާޕޯޓަށް ޖައްސާށެެވެ.

ކިޔުންތެރިންގެ ހިޔާލު