ދިހަ ފަސިންޖަރުން އުފުލޭނެ ވަރުގެ ކުޑަ ކޮމިއުޓާ މަތިންދާބޯޓެއް އެމެރިކާގެ އޮހާޔޯ ސްޓޭޓްގެ ކާރު ޑީލަރޝިޕެއްގެ މައްޗަށް ވެއްޓިއްޖެއެވެ.

އޮހާޔޯ ސްޓޭޓް ހައިވޭ ޕެޓްރޯލުން ދަނީ މަރިއޭޓާގެ 1000 ޕައިކް ސްޓްރީޓްގައި ހުންނަ އެ ބޯޓު ވެއްޓުނު ސަރަހައްދު ބަލަމުންނެވެ.

މަތިންދާ ބޯޓު ވެއްޓުމާ އެކު އަލިފާނުގެ ހާދިސާއެއް ހިނގިއެވެ. ނަމަވެސް އިމަޖެންސީ ސާވިސް އިން ވަނީ އަލިފާންގަނޑު ނިއްވާލާފައެވެ.

އިންޓެލް މެނޭޖްމަންޓުގެ ހިއްސާ އޮންނަ މި މަތިންދާބޯޓު އޮހާޔޯގެ ކޮލަމްބަސް އިން ވެސްޓް ވާޖީނިއާގެ ޕާކާސްބާގަށް ދަތުރުކުރަމުން ދަނިކޮށް ވެއްޓިފައި ވަނީ ހެނދުނު 7:00 ހާއިރު އެވެ.

ބޯޓު ވެއްޓުނުއިރު އޭގައި 10 ފަސެންޖަރުން ތިބި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކު މަރުވެފައި ނުވާ ކަމަށް މަރިއެޓާގެ ޕޮލިސް ސީޕީޓީ އާރޮން ނެޑެފް ވަނީ ވިދާޅުވެފައެވެ.

"މި މަތިންދާބޯޓު ވެއްޓުނު މަންޒަރު އަހަރެންނަށް ހަމަ ރީއްޗަށް ފެނުނު،". އެ ބޯޓު ވެއްޓުނު ތަނުގެ ވީޑިއޯއަކާ އެކު އެ ގައުމުގެ ރައްޔިތެއް ކަމަށްވާ ލަޓޯޔާ ރަޝްސެލް ފޭސްބުކްގައި ޖެހި ޕޯސްޓްގައި ވެއެވެ.