ތުރުކީގެ ކެޕަޑޯކިއާގައި ގަދަ ވައިގެ ތެރޭގައި ދަތުރު ކުރަމުންދިޔަ ހޮޓް އެއާ ބެލޫނެއް ވެއްޓި ސްޕެއިންގެ ދެ މީހުން މަރުވެ، އިތުރު ތިން މީހަކު ޒަހަމްވެއްޖެއެވެ.

މި ހާދިސާ ހިނގިއިރު، އެ ބެލޫންގައި ޖުމްލަ 30 މީހަކު ތިއްބެވެ.

ނެވްސެހިރުގައި ހުންނަ ގަވަރުނަރުގެ އޮފީހުން ބުނީ ހޮޓް އެއާ ބެލޫން ކުއްލިއަކަށް ވެއްޓުނީ ހެނދުނު 8:50 ހާއިރު ކަމަށެވެ. އަދި މި ހާދިސާ ހިނގާފައި ވަނީ ވައިގަދަވުމުގެ ސަބަބުން ކަމަށް ބުނެފައި ވެއެވެ.

އަވަނޯސް އަވަށް ކައިރިން ފުރި އެ ބެލޫންގައި 28 ފަތުރުވެރިންނާއި ދެ ފަޅުވެރިން ތިއްބެވެ.

ކަމާއި ބެހޭ ފަރާތްތަކުން ބުނެފައިވާގޮތުގައި، މި އެކްސިޑެންޓްގެ ތަހުގީގެއް ވަނީ ފަށައިފައެވެ.

ހޮޓް އެއާ ބެލޫން ދަތުރުތަކަކީ ކެޕަޑޯކިއާގައި ގިނަބަޔަކު އެންމެ ޝައުގުވެރިވާ ކަންތަކެވެ. މިއީ ފަރުބަދަމަތީގެ ސަަރަހައްދެކެވެ.

ފާއިތުވި އަހަރުތަކުގައި އެ ސަރަހައްދުގައި ހޮޓް އެއާ ބެލޫންގެ އެކްސިޑެންޓްތައް ހިނގާފައި ވެއެވެ.

އެގޮތުން 2013 ވަނަ އަހަރު ވައިގެ ތެރޭގައި ދެ ބެލޫން ޖެހި ބްރެޒިލްގެ ތިން ފަތުރުވެރިއަކު މަރުވެ އިތުރު 22 މީހަކަށް އަނިޔާވިއެވެ.

އަދި އޭގެ އިތުރުން 2017 ވަނަ އަހަރު ޑެންމާކުގެ ފަތުރުވެރިއަކުވެސް ވަނީ ބެލޫނެއް ވެއްޓިގެން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުވަދޫ އަލިބެއްޔާ

    ލާރި ހުރި ބަޔަކު ރާއްޖޭގައި ކުރަން ރަނގަޅު ކަމެއްމީ.. ބެލޫންގައި ދާއިރު ރަށްތަކުގެ ރީތިކަން ފެންނާނެ.. ތުރުކީއަށްވުރެން ރީތިވާނެ.