އިސްރާއީލްގެ ސިފައިން ސީރިއާގެ ވެރިރަށް ދިމިޝްކަށް ފުލުފުލުގައި ހަމަލާތައް ދެމުން އެބަގެންދާ ކަމަށް ސީރިއާގެ ދައުލަތުގެ މީޑިއާ "ސަނާ" އިން ބުނެފިއެވެ. ސަނާ އިން ބުނާ ގޮތުގައި ބުރާސްފަތި ވިލޭރޭ ފަތިހު ވެސް އިސްރާއީލުން ވަނީ ދިމިޝްކަށް މިސައިލް ހަމަލާއެއް ދީފައެވެ. މިއީ ފާއިތުވި ހަފްތާއެއްގެ ތެރޭގައި އިސްރާއީލުން ސީރިއާއަށް ހަމަލާތައް ދިން ތިންވަނަ ފަހަރެވެ.

ސީރިއާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އިސްރާއީލުން ސީރިއާއަށް ފޮނުވާލަމުންދާ މިސައިލްތަކުގެ ތެރެއިން ގިނަ މިސައިލްތައް ވަނީ އަމާޒަށް ވާސިލްވުމުގެ ކުރިން ސީރިއާގެ މިސައިލުން ދިފާއުވާ ނިޒާމުން ވައްޓާލާފައެވެ.

އެންމެ ފަހުން ރޭ ފަތިހު އިސްރާއީލުން ފޮނުވާލި މިސައިލް ދިމިޝްކުގެ ސަރަހައްދަކަށް ވެއްޓުނު ނަމަވެސް މިހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ސަނާ އިން ބުނެއެވެ.

އިސްރާއީލުން މީގެ ކުރިން ވެސް ސީރިއާއަށް ހަމަލާތައް ދީފައި ވެއެވެ. އިސްރާއީލުން ގިނަ ފަހަރަށް އެފަދަ ހަމަލާތައް އަމާޒުކޮށްފައި ވަނީ ސީރިއާ ސަރުކާރަށް ވާގިވެރިވާ އީރާންގެ ހަނގުރާމަވެރިންނަށެވެ. އިސްރާއީލްގެ ރައީސް ބައްޝާރުލް އަސަދާއި ދެކޮޅަށް ހަނގުރާމަ ކުރާ ފަރާތްތަކާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އީރާނުން ހަނގުރާމަވެރިންނާއި ހަތިޔާރު ފޯރުކޮށްދެމުން ގެންދެއެވެ.

އިސްރާއީލުން ފާއިތުވި ހަފްތާ ތެރޭގައި ދިން ސީރިއާއަށް ދިން ހަމަލާތަކާއި ގުޅޭ ގޮތުން އިސްރާއީލްގެ އަސްކަރިއްޔާ އިން ވަކިއެއްޗެއް ނުބުނެއެވެ. މީގެ ކުރިން ވެސް އިސްރާއީލުން ސީރިއާއަށް ހަމަލާތައް ދިނުމަށްފަހު އެކަމާއި ގުޅޭ ގޮތުން އާއްމު ގޮތެއްގައި އެއްވެސް އެއްޗެއް ނުބުނެއެވެ.

އިސްރާއީލުން ފާއިތުވި ހައެއްކަ އަހަރު ސީރިއާއަށް ދިން ހަމަލާތަކުގެ އަދަދު އެތައް ސަތޭކައަކަށް އަރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.