ރަޝިއާއާ ވަކިން އޮންނަ އެ ގައުމުގެ ސަރަހައްދެއް ކަމަށްވާ ކެލިނިންގްރަޑް އާއި ޕޮލެންޑް ވަކިކުރާ ސަރަހައްދީ އިން ފާރަކުން ބަންދު ކުރުމަށް ޕޮލެންޑުން ނިންމައިފިއެވެ.

ޕޮލެންޑްގެ ޑިފެންސް މިނިސްޓްރު މަރިއަޒް ބްލަޒަޒަކް ވަނީ މި ފާރު ރޭނުމުގެ މަސައްކަތް ފެށުމަށް އަންގަވައިފައެވެ.

ޕޮލޭންޑުން މިފަދަ ނިންމުމެއް ނިންމާފައިމިވަނީ އޭޝިއާ އާއި އެފްރިކާއިން ހިޖުރަކުރާ މީހުންނަށް، ގާނޫނާ ހިލާފަށް ސަރަހައްދީ އިން ހުރަސްކުރުމަށް ރަޝިއާއިން އެހީތެރިވާން ރާވާފައިވާކަމަށް ޕޮލެންޑަށް ޝައްކުކުރެވޭތީއެވެ.

ޑިފެންސް މިނިސްޓަރު ވިދާޅުވެފައިވަނީ ޕޮލޭންޑަށް ރައްކާތެރިކަން ލިބޭނީ އެގައުމުގެ ސަރަހައްދީ އިން ރަނގަޅަށް ބަންދުކުރެވިފައި ހުރެގެންކަމަށެވެ. އޭނާ ވިދާޅުވީ 210 ކިލޯމީޓަރު (130 މޭލު) ދިގު މި ސަރަހައްދުގައި ފާރެއް ހެދުމުގެ މަސައްކަތް ފެށުމަށް މިހާރު ހުއްދަ ދީފައިވާނެ ކަމަށެވެ.

ފާރުގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް މިއަދު އެ ސަރަހައްދަށް ސިފައިން ވަނީ ފޮނުވައިފައެވެ. މިފާރުގެ މަސައްކަތް ނިންމަން ކަނޑައަޅާފައި ވަނީ 2023 ގެ ނިޔަލަށެވެ.

ފާރުގެ މަސައްކަތްތައް ބެލުމާއި ހަވާލުވެފައިވާ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި މި ފާރުގައި ކަރަންޓު ފެންސެއް ވެސް ހަރުކުރެވޭނެއެވެ. މިވަގުތު މި ދެ ގައުމުގެ އިން ވަކި ކުރާ ހިސާބުގައި އެއްވެސް ހުރަހެއް ނުހުރެއެވެ. ނަމަވެސް ސަލާމަތީ ބާރުތަކުން އަބަދުވެސް މި ސަރަހައްދުގައި ފޯރިމަރަމުންދެއެވެ.

މިދިޔަ އަހަރު ޕޮލޭންޑާއި ބެލަރޫސް ވަކިވާ ސަރައްދުންވެސް ވަނީ ގަވާއިދާ ހިލާފަށް އެތައް ހާސް މީހުންނެއް ސަރަހައްދީ އިން ހުރަސްކޮށްފައެވެ. މިއީ އީޔޫގެ ތެރޭގައި ހަލަބޮލިކަން އުފެއްދުމަށާއި، ބައިބައިވުން އުފެއްދުމަށް، ރަޝިއާގެ ރައީސް ލަޑިމިއަ ޕޫޓިން އާއި ބެލަރޫސްގެ ސަރުކާރުން ގުޅިގެން ކުރާ ކަމެއް ކަމަށް ޕޮލެންޑުންނާއި އީޔޫ އިންވެސް ވަނީ ތުހުމަތުކޮށްފައެވެ.

ޕޯލެންޑުން މިހާރު ވަނީ އެ ގައުމާއި ބެލަރޫސް ވަކިކުރާ ސަރަހައްދީ އިން ވެސް ދަގަނޑު ފާރަކުން ބައްދާފައެވެ. މި ފާރުގެ މަސައްކަތް ނިމުނީ މިދިޔަ ޖޫންމަހުއެވެ.