އިސްރާއީލްގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ވަފާތެރިން އާއްމު އިންތިހާބު ކާމިޔާބު ކޮށްފިއެވެ. އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ނަތަންޔާހޫ ލީޑް ކުރާ ކޯލިޝަނުން ވަނީ މިހާތަނަށް ގާނޫނު ހަދާ މަޖިލީހުގެ 65 ގޮނޑި ކަށަވަރު ކޮށްފައެވެ. ނަމަވެސް އަދި ގުނައި ނިމިފައި ވަނީ %89 ވޯޓެވެ.

ވޯޓް ގުނައި ނިމެނޭ ކަމަށް ބެލެވެނީ ބުރާސްފަތި ދުވަހުގެ ދަންވަރު އެވެ. އިންތިހާބުގެ ނަތީޖާއަށް އަދި ކޮންމެވެސް ވަރެއްގެ ބަދަލެއް އަތުވެދާނެ ކަމަށް ބެލެވުނު ނަމަވެސް ސަރުކާރެއް އެކުލަވާލަން ބޭނުންވާ 61 ގޮނޑި ނަތަންޔާހޫގެ ކޯލިޝަނުން ކަށަވަރު ކުރާނެ ކަމަށް އިސްރާއީލްގެ މީޑިއާތަކުން ބުނެއެވެ.

ނަތަންޔާހޫ ބޮޑުވަޒީރުގެ މަގާމު ކަށަވަރު ކުރި ނަމަވެސް މިހާރު ވެސް އޭނާގެ މައްޗަށް ދައުވާ އުފުލާފައިވާ ތިން މައްސަލައެއް ކޯޓުގައި އެބައޮތެވެ. އެއީ ކުރިއަށް އޮތް ހަތަރު އަހަރަށް ބޮޑުވަޒީރުގެ މަގާމުގައި ދެމިހުރުމަށް އޭނާ އަށް އޮތް ގޮންޖެހުމެކެވެ.

އަނެއްކޮޅުން ނަތަންޔާހޫ އަށް ބައިއަތު ހިފައިގެން ތިބި ކޯލިޝަންގެ ޕާޓްނަރުންގެ ހިޔާލު އެއްގޮތްކޮށް، ސަރުކާރު ކުރިއަށް ގެންދިއުން އެއީ ވެސް ނަތަންޔާހޫ އަށް ފަސޭހަ ކަމަކަށް ނުވާނެ ކަމަށް އިސްރާއީލްގެ މީޑިއާތަކުން ބުނެއެވެ. ނަތަންޔާހޫގެ ލިކޫޑް ޕާޓީއަށް ލިބިފައި ވަނީ ގާނޫނު ހަދާ މަޖިލީހުގެ 31 ގޮނޑިއެވެ. ބާލީ ގޮނޑިތައް ބެހިފައި ވަނީ ކޯލިޝަންގެ ކުދިކުދި ޕާޓީތަކަށެވެ. އެހެންކަމުން ވެރިކަމުގައި ދެމިހުރުމަށް ކޯލިޝަންގެ އެހީ އޭނާއަށް ކޮންމެހެން ވެސް ބޭނުން ވާނެއެވެ.

ނަތަންޔާހޫ އަށް ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ދޭނެ ކަމަށް ބެލެވެނީ އަންނަ ހަފްތާ ގައެވެ. ސަރުކާރެއް އެކުލަވާލާ، ބޮޑުވަޒީރު ކަމާއި ނަތަންޔާހޫ ހަވާލުވާނެ ދުވަހެއް އަދި ނޭނގެއެވެ.

ނަތަންޔާހޫގެ ކޯލިޝަނުން އިންތިހާބުގައި ގިނަ ގޮނޑިތަކެއް ނެގި ނަމަވެސް މިހާރުގެ ބޮޑުވަޒީރު ޔައިރު ލެޕިޑް އަދި އިންތިހާބާއި ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ލެޕިޑް އަދިވެސް އުއްމީދު ކުރަނީ ނަތަންޔާހޫއަށް ސަރުކާރެއް އެކުލަވާލެވޭ ވަރަށް ގޮނޑި ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. ލެޕިޑްގެގެ އުއްމީދަކީ ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު އޭނާއަށް ލިބުން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލްގެ ސަރުކާރު މިހާރު ހިންގަމުން އަންނަނީ ވަގުތީ ސަރުކާރަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖުހާ.

    ރަނގަޅު މީހަކު ވެރިކަމަށް ނާންނާނެ.

    3
    1
  2. ޢަހުމަދުވަގާރު

    މަރުހަބާ ނަތަންޔާހޫ. ޓެރަރިޒަމް އާ ދެކޮޅަށް މަސައްކަތް ކުރާތި. އިސްލާމީ ގައުމުތަކާ ގުޅުން ރަނގަޅުކޮށް ދުނިޔެ ސުލްހަ ވެރި ކުރޭ

    2
    2
  3. މުޙައްމަދު

    ފަލަސްޠީންގެ ނިކަމެތި މުސްލިމުންނަށް ބަލާ ޖެހުނީ. މިބައިގަނޑު ހިތި ގޮތަކަށް ނެތި ކުރައްވާށި. އާމީން

    10
    2
  4. ޜަޟީ

    އަދި ކިތައް ދުވަހައް މަޑު ކުރަން ޖެހެނީ. އިންތިޒަަރުގަ މިތިބީ. އިޒްރޭލަކީ ރުހި ވޮޑިގަންނަވާ ގައުމެއް. އެހާ ކާމިޔާބުވީ އެހެންވެ