އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ބާރުގެ ދަށަށް އެގައުމުގެ ޝަރުއީ ދާއިރާ ގެނައުމަށް ކުރަމުން އަންނަ މަސައްކަތާއި ދެކޮޅު ހެދުމުގެ ގޮތުން އަނެއްކާވެސް އިސްރާއީލްގެ އެތައް ހާއްސަ ބަޔަކު މަގުތަކަށް ނިކުމެއްޖެއެވެ. އިއްޔެ މުޒާހަރާއަށް ނިކުތް މީހުން ވަނީ ނަތަންޔާހޫ ދިރިއުޅޭ ގެ ކައިރިއަށް ވެސް ޖަމާވެފައެވެ.

މުޒާހަރާ ކުރާ މީހުން ވަނީ ތެލްއަވީވްގައި ހުން އެމެރިކާގެ އެމްބަސީ ކައިރިއަށް ޖަމާވެ، އެމެރިކާ އާއި ދެކޮޅަށް ވެސް އަޑުއުފުލާފައެވެ. އެމެރިކާގެ އެމްބަސީ ކައިރީ މުޒާހަރާ ކުރި މީހުން ބުނި ގޮތުގައި ނަތަންޔާހޫ ކުރަމުން އަންނަ ކޮންމެ ކަމަކަށް އެމެރިކާ އިން އެއްބާރުލުން ދިނުމަކީ ނަތަންޔާހޫގެ މުށުތެރެއަށް ހުރިހާ ބާރެއް ޖަމާ ކުރުމަށް އޭނާއަށް ލިބިފައިވާ ހިތްވަރެކެވެ.

މުޒާހަރާތައް އިންތިޒާމް ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި މިމައްސަލައިގައި އެމެރިކާގައި ވެސް މުޒާހަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ޝަރުއީ ދާއިރާގެ ކޮންޓްރޯލް ހޯދުމަށް ނަތަންޔާހޫ ހުށަހެޅި ބިލް މީގެ ކުރިން އަނބުރާ ގެންދިޔައީ އެބިލާއި ދެކޮޅަށް އިސްރާއީލްގެ ރައްޔިތުން ނިކުމެ، އެންމެފަހުން ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގެ މުވައްޒަފުން އިހްތިޖާޖު ފަށައި މަސައްކަތް ހުއްޓާލުމުންނެވެ.

ބިލް އަނބުރާ ގެންދިއުމަށްފަހު އޭގެ ދެތިން މަސްދުވަސް ފަހުން އަނެއްކާވެސް ނަތަންޔާހޫ މަސައްކަތް ކުރަމުން ގެންދަނީ ބިލް ފާސްކޮށް ގާނޫނު ހަދާ މަޖިލީހުގެ ކޮންޓްރޯލް ނެގުމަށެވެ.

މުޒާހަރާތައް އިންތިޒާމް ކުރާ ޖަމިއްޔާތަކުން ބުނާ ގޮތުގައި ނަތަންޔާހޫ ގޮތްދޫނުކުރާނަމަ ކުރިއަށް އޮތް ދުވަސްތަކުގައި މުޅި ގައުމު ހުއްޓުމަކަށް ގެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަގީގަތް

    މިރާއްޖޭގަވެސް އެބަޖެހޭ މިގޮތައް ނިކުންނަން

    2
    2
  2. ހަލަމްގަން

    މާތްﷲ އެެނުބައި ނުލަފާ ނަތަންޔާހޫއަށް ވޭންދެނިވި މަރެއް ކުރިމަތި ކުރައްވާދޭވެ