އާޖެންޓީނާގެ ކުޅުންތެރިޔާ ލިއޮނަލް މެސީ އާއި ދިމާލަށް އައުގުރާނަ ގޮވި މައްސަލައިގައި މެކްސިކޯގެ ރައްޔިތުންނާއި އާޖެންޓީނާގެ ރައްޔިތުންގެ މެދުގައި ބޮޑު މާރާމާރީއެއް ހިނގައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި މާރާމާރީ ހިނގާފައިވަނީ ރޭގެ ވަގުތެއްގައި ގަތަރުގައި ތިބި މެކްސިކޯގެ ސަޕޯޓަރުންތަކެއް މެސީއާއި ދިމާލަށް އައުގުރާނަ ގޮވި އަޑު އާޖެންޓީނާގެ ސަޕޯޓަރުންނަށް އިވިގެންނެވެ.

ދޯހާގެ އަލް ބިއްޑާ ޕާކު ސަރަހައްދުގައި މި މާރާމާރީ ހިންގާ ވީޑިއޯތަކެއް މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، ބައެއް ފަރާތްތަކުން ބުނެފައިވަނީ އާޖެންޓީނާގެ ސަޕޯޓަރުން މާރާމާރީ ހިންގާފައިވަނީ ސައުދީ އަރަބިއްޔާ އަތުން އާޖެންޓީނާ ބަލިވުމާއި ގުޅިގެން އެކަން ހަޖަމު ނުކުރެވިގެން ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި މާރާމާރީގައި ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. ނަމަވެސް އެފަރާތްތަކަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ހާމަ ކޮށްފައެއް ނުވެއެވެ.

ފީފާ ރޭންކިންގެ ތިން ވަނަގައި އޮތް އާޖެންޓީނާ, 51 ވަނައިގައި އޮތް ސައުދީ އަތުން ބަލިވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އާޖެންޓީނާ ބަލިވުމާއި އެކީ އާޖެންޓީނާގެ ސަޕޯޓަރުންނަށާއި މުޅި ދުނިޔެއަށް ވަނީ ސިހުން ގެނުވާފައެވެ.

އާޖެންޓީނާއިން މި މެޗަށް ނިކުމެފައިވަނީ މޮޅުވާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް ފަހަތުން އަރައި ސައުދީން ވަނީ މެޗުގެ ލީޑު ނަގާފައެވެ.

އާޖެންޓީނާ މި މެޗުން ބަލިވުމާއި އެކީ ދެން މުބާރާތުގެ ގަދަ 16 އަށް ދަތުރު ކުރުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. މުބާރާތުގެ ގަދަ 16 އަށް ދަތުރު ކުރަން ބޭނުން ނަމަ ދެން އޮންނަ ދެ މެޗުން ވެސް އާޖެންޓީނާއަށް މޮޅުވުމަކީ މަޖުބޫރު ކަމެކެވެ. ދެން އާޖެންޓީނާ ބައްދަލު ކުރާނީ މެކްސިކޯއާއި ޕޮލޭންޑާއި ދެކޮޅަށެވެ.