މިއަދު އިންޑޮނޭޝިއާއަށް ރެކްޓަރ މިންގަނޑުން 7.0 ގެ ބާރުމިނުގައި ބިންހެލުމެއް އައިތާ ގިނައިރުތަކެއް ނުވަނީސް، އެ ބިންހެލުން އައި ސަރަޙައްދަށް ބާރުގަދަ އިތުރު ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައިވަނީ ލޮމްބޮކް ސަރަޙައްދަށް ރެކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި ބިމުގެ 20 ކިލޯމީޓަރު އަޑިންނެވެ.

ލޮމްބޮކް އަށް މިއަދު ބާރުގަދަ ދެވަނަ ބިންހެލުމެއް އައިސްފައިވާއިރު، ކުރިން އައި ބިންހެލުމާއި ގުޅިގެން އިންޑޮނޭޝިއާގެ ފަތުރުވެރި މަންޒިލް ބާލީ ހިމެނޭ ގޮތަށް އެސަރަޙައްދަށް ވަނީ ސުނާމީގެ އިންޒާރުވެސް ނެރެފައެވެ. މި ބިންހެލުމުގައި ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށް ނޫސްތަކުން ބުނި ނަމަވެސް އަދި އެކަމާއި ބެހޭ އިތުރު ތަފްސީލެއް އެފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.

މި ބިންހެލުންތައް އައިސްފައި މިވަނީ މީގެ ހަފްތާއެއްހައި ދުވަސް ކުރިން އިންޑޮނޭޝިއާގެ އެކި ސަރަޙައްދުތަކަށް ބާރުގަދަ ފަސް ބިނހެލުމެއް އައިސްފައި ވަނިކޮށެވެ. އޭގެތެރެއިން އެންމެ ބާރުގަދަ ބިންހެލުން ރެކްޓަރ މިންގަނޑުން 6.0 އަށް އަރައެވެ. އެ ބިންހެލުމުގައި ބައެއް މީހުން މަރުވެފައި ވެސް ވެއެވެ. އެއީވެސް ބާލީ އާއި ކައިރީގައި އޮންނަ ސަރަޙައްދެކެވެ.