އިންޑޮނޭޝިއާއަށް މިއަދު ހަވީރުން ފެށިގެން ބާރުގަދަ ބިންހެލުންތައް އަންނަމުންދާއިރު، އިތުރު ލޮޅުންތަކެއްވެސް އަންނަމުންދާ ކަމަށް ޔޫރޮޕިއަން މެޑިޓަރޭނިއަން ސެއިސްމޮލިޖިކަލް ސެންޓަރުން ބުނެފިއެވެ.

އެ އިދާރާއިން ޢާންމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، މިއަދު އިންޑޮނޭޝިއާގެ ލޮމްބޮކްއަށް ރެކްޓަރ މިންގަނޑުން 7.0 ގެ ބާރުމިނުގައި އައި ބިންހެލުމަށްފަހު އެ ސަރަޙައްދަށް ވަނީ 5.6 ގެ ބާރުމިން ހުރި ބިންހެލުމެއްވެސް އައިސްފައެވެ. މީގެ އިތުރުން ރެކްޓަރ މިންގަނޑުން 4.7 އާއި 5.4 އާއި ދެމެދުގެ ބާރުމިނުގައި ވެސް އެ ސަރަޙައްދަށް ލޮޅުންތަކެއް އައިސްފައިވާ ކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.

ލޮމްބޮކް އަށް މިއަދު އެންމެ ފުރަތަމަ ބިންހެލުން އައިސްފައިވަނީ ބިމުގެ 10.5 ކިލޯމީޓަރު އަޑިންނެވެ. މި ބިންހެލުމަށްފަހު ބާލީ ހިމެނޭ ގޮތަށް އެ ސަރަޙައްދަށް ވަނީ ސުނާމީގެ އިންޒާރުވެސް ނެރެފައެވެ. އަދި ރެކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި ދެވަނަ ބިންހެލުން އައިސްފައިވަނީ ލޮމްބޮކްގެ ބިމުގެ 20 ކިލޯމީޓަރު އަޑިންނެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި މި ސަރަޙައްދަށް ކުދި ބިންހެލުންތައް ގިނަ އަދަދަކަށް އައިސްފައި ވެއެވެ.

އިންޑޮނޭޝިއާއަށް ބާރުގަދަ ބިންހެލުންތައް އަންނަމުންދާއިރު، އެޤައުމު ހިމެނޭ ސަރަޙައްދަކީ ދުނިޔެ ނުދެކޭހައި ބާރުގަދަ ބިންހެލުމެއް އަންނާނެ ކަމަށް ތަޖުރިބާކަރުން ބުނެފައިވާ ސަރަޙައްދެކެވެ. ބޮޑު ބިންހެލުމެއް އައުމުގެ ކުރިން ބާރުގަދަ ކުދި ބިންހެލުންތައް ގިނަ އަދަދަކަށް މި ސަރަޙައްދަށް އަންނާނެ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޮޑޫމީހާ

    ޔާﷲ. އަޅަމެން ބިންހެލުމައި އަދި އެކަމާއިގުޅީގެން އުފެދިގެންއަންނަ ސުނާމީ ފަދަ ނުރައްކާތެރި މުޞީބާތްތަކުން ސަލާމަތް ކުރައްވާދޭވެ. އާމީން