ރަޝިއާއިން ޔުކްރޭނުގައި ކުރަމުންދާ ހަނގުރާމަ އާއި، "ނާޒީ ފިކުރާއި" ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން އުފައްދާފައިވާ ޑޮކިއުމެންޓްރީ ފިލްމުތައް ސްކްރީނުކުރުމަށް، ރަޝިއާގެ ރައީސް ލަޑިމިއަރ ޕޫޓިން އެމަނިކުފާނުގެ ސަރުކާރަށް އަންގަވައިފިއެވެ.

ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހުގެ ކުރިން މި އަމުރު ތަންފީޒުކުރުމަށް ރަޝިއާގެ ކަލްޗަރ މިނިސްޓްރީއަށް ޕޫޓިން އަންގަވާފައިވާ ކަމަށްވެސް ރަޝިއާއިން ބުނެފައިވެއެވެ.

ޕޫޓިން ވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު ޔުކްރޭނަށް ސިފައިން ފޮނުވައި، ދުނިޔެ ސިއްސުވާލާފައެވެ. ޕޫޓިން ވިދާޅުވެފައިވަނީ މިއީ ޔުކްރޭނުގެ ނާޒީ ފިކުރާއި އަސްކަރީ ބާރު ނެތިކޮށްލުމުގެ ގޮތުން ކުރައްވާ ކަމެއް ކަމަށެވެ.

ރަޝިއާއިން ހަނގުރާމައަށް ކިޔަާގޮތުން، " ހާއްސަ އަސްކަރީ އޮޕަރޭޝަން" ގެ ބައިވެރިންގެ "ހިތްވަރުގަދަކަމާއި ގައުމީ ހިދުމަތަށް" އަމާޒުކޮށްގެން ޑޮކިއުމެންޓްރީތައް އުފެއްދުމަށް ރަޝިއާގެ ފިލްމު އުފައްދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެގައުމުގެ ޑިފެންސް މިނިސްޓްރީއަށް ޕޫޓިން އަންގަވާފައިވާ ކަމަށްވެސް ރަޝިއާއިން ބުނެފައިވެއެވެ.

އަދި މިކަމާއި ގުޅިގެން ކުރެވިފައިވާ މަސައްކަތްތަކުގެ ރިޕޯޓް މާޗް މަހުގެ 1 ވަނަ ދުވަހުގެ ކުރިން ރައީސް އަސް ހުށައެޅުއްވުމަށް ޑިފެންސް މިނިސްޓަރު ސާޖެއި ޝޮއިގޫއަށް ވަނީ އަންގަވާފައެވެ.

ރަޝިއާއިން ޔުކްރޭނުގައި ހަނގުރާމަ ފެށީއްސުރެ، ސަރުކާރުގެ ޓީވީ ޗެނަލްތަކުން ދަނީ، ޔުކްރޭނުގައި ހަނގުރާމަ ކުރަމުންދާ ރަޝިއާ ސިފައިންނަކީ ބަޠަލުންކަމަށް ސިފަކޮށް ޕްރޮޕެގެންޑާ ފެތުރުމުގެ މަސައްކަތް ކުރަމުންނެވެ.

އޭރުއްސުރެ ރަޝިއާގެ ގިނަ މިނިވަން ނޫސް ތަކާއި ޗެނަލްތައް ވަނީ ސަސްޕެންޑުކޮށްފައި ނުވަތަ ބަންދުކޮށްފައެވެ. އެއާއެކު ވަރަށް ގިނަ ނޫސްވެރިންވެސް ވަނީ ގައުމު ދޫކޮށް ގޮސްފައެވެ.

ރަޝިއާއިން ޔުކްރޭނުގައި ހިންގަމުންދާ ހަރަކާތްތަކާއި މެދުގައި ފާޑުކިޔުމަކީ އެގައުމުގައި ޖަލު ހުކުމް އަންނަ ކުށެކެވެ. އަދި މި ހަރަކާތްތަށް "ޔުކްރޭނަށް އަރައިގަތުން" ނުވަތަ "ހަނގުރާމަ" އިގެ ގޮތުގައި ސިފަކުރުމަކީވެސް ރަޝިއާގައި މަނާކަމެކެވެ.