ރަޝިއާގައި ތިބި ހަތިޔާރުއެޅި ވެގްނާ ޖަމާއަތުގެ ހަނގުރާމަވެރިން އެގައުމުން ފޭބުމަށް އެގައުމުގެ ރައީސް، ވްލަޑްމިއަރ ޕޫޓިން ގޮވާލައިފިއެވެ.

ގައުމާ މުހާތަބު ކުރައްވަމުން ޕޫޓިން ވަނީ ވެގްނާ ހަނގުރާމަވެރިންގެ ތެރެއިން ހެޔޮގޮތް ހިޔާލުކޮށް އެމީހުން ކުރަމުން އައި ބަޢާވަތް ހުއްޓާލަން ނިންމި ނިންމުމަށް ޝުކުރު އަދާކޮށްފައެވެ.

ރަޝިއާގެ ސަރުކާރާއި ދެކޮޅަށް ބަޢާވާތް ހިންގައި ވެގްނާގެ ހަނގުރާމަވެރިން މިސްރާބު ޖެހީ މޮސްކޯއާއި ދިމާލަށެވެ. ނަމަވެސް ގަތުލުއާންމެއް ނުހިންގައި ހަނގުރާމަވެރިން ވަނީ އެސަރަހައްދު ދޫކޮށް ގޮސްފައެވެ.

ޕޫޓިން ވިދާޅުވީ، ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ނުކުރަން ނިންމި ވެގްނާގެ ހަނގުރާމަވެރިންނަށް ރަޝިއާގެ އަސްކަރިއްޔާއާއި ގުޅުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެހެން ނޫނީ ދެން ޖެހޭނީ އެގައުމު ދޫކޮށް އާއިލީ މީހުންނާއި ރަހުމަތްތެރިން ކައިރިއަށް ދާން ކަމަށެވެ. އަދި ބޭނުންވާ ފަރާތްތަކަށް ބެލަރޫސްއަށް ވެސް ދެވޭނެ ކަމަށް ޕޫޓުން ވަނީ ވިދާޅުވެފައެވެ.

މިފަދައިން ވިދާޅުވި ނަމަވެސް ވެގްނާގެ ލީޑަރުގެ ނަމެއް ސީދާ ޕޫޓިން ހާމަ ކޮށްފައެއް ނުވެއެވެ.

ވެގްނާގެ ހަނގުރާމަވެރިން މިހަފްތާގައި ރަޝިއާ ސަރުކާރާއި ދެކޮޅުވިކަން އިއުލާން ކުރުމަށްފަހު ބޮޑު ފައުޖެއް ވެރިރަށް މޮސްކޯއަށް މިސްރާބު ޖެހިއެވެ. ނަމަވެސް މޮސްކޯ އާއި ވަރަށް ކައިރިވުމަށްފަހު އެލަޝްކަރު ވަނީ ލޭއޮހޮރުވުމަކަށް ދާން ބޭނުން ނޫންކަމަށް ބުނެ ލަޝްކަރު އަނބުރާލާފައެވެ.

ވެގްނާގެ ހަނގުރާމަވެރިން ރަޝިއާ ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ނުކުރަން ފަހުން ނިންމީ ބެލަރޫސް މެދުވެރިވެގެން ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހުއެވެ. އެމަޝްވަރާތަކުގައި ވެގްނާގެ ލީޑަރަށް ބެލަރޫސް އިން ހިމާޔަތް ދިނުމަށް ވަނީ އެއްބަސްވެފައެވެ.