ރަޝިއާގައި ތިބި ހަތިޔާރުއެޅި ވެގްނާ ޖަމާއަތުގެ ހަނގުރާމަވެރިން، އެގައުމުގެ ޑިފެންސް މިނިސްޓްރީއާއި ގުޅުމަށް ރައީސް، ވްލަޑިމީރް ޕޫޓިން ގޮވާލުމުން އެޖަމާއަތުން އެކަމާއި ދެކޮޅު ހަދައިފިއެވެ.

ވެގްނާ ޖަމާއަތަކީ ރަޝިއާއާއި ޔޫކްރޭން ހަނގުރާމައިގެ ތެރޭގައި ޔޫކްރޭން ސިފައިން ރަޝިއާގެ ބައެއް ސިޓީތައް ހިސޯރު ކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް އެކަމާއި ދެކޮޅަށް ތެދުވެ، ސިޓީތަކުގެ ދިފާއުގައި ތިބި ޖަމާތަކެވެ. ނަމަވެސް އިއްޔެ އެ ޖަމާއަތުން ވަނީ ރަޝިއާ ސަރުކާރާއި ދެކޮޅަށް ބަޢާވާތްކޮށް، ބައެއް ސިޓީތައް ދޫކޮށްލާފައެވެ. އޭގެ ނަތީޖާއަކަށްވީ ޔޫކްރޭން ސިފައިން ބައެއް ސިޓީތައް ހިފުމެވެ.

ވެގްނާ ޖަމާއަތުން ރަޝިއާގެ މޮސްކޯއަށް އެރުމަށް މިސްރާބު ޖެހިނަމަވެސް ވަކި ހިސާބަކުން އެޖަމާއަތުން ވަނީ އެސިޓީއަށް ނާރާ އެމީހުން ކުރި ބަޢާވާތް ނިންމާފައެވެ.

މިއަދު ގައުމާ މުހާތަބުކޮށް، ޕޫޓިން ވަނީ ވެގްނާގެ ހަނގުރާމަވެރިންނަށް ދެ "ޗޮއިސް" އެއް ދީފައެވެ. އެއީ އެގައުމުގެ ޑިފެންސް މިނިސްޓްރީއާއި ގުޅުން ނުވަތަ އެގައުމު ދޫކޮށް ބެލަރޫސްއަށް ދިއުމެވެ.

ވެގްނާގެ ލީޑަރު، ޔެވްގެނީ ޕްރޮގޮޒިން ބުނެފައިވަނީ ރަޝިއާ ޑިފެންސް މިނިސްޓްރީން ބޭނުންވީ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެޖަމާއަތުގެ ސިފައިން ރަޝިއާގެ ޑިފެންސް މިނިސްޓްރީގެ ދަށުން މަސައްކަތް ކުރުމަށް ކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް އެއްބަސްވުމެއްގައި ސޮއި ކުރުމަށް އެއްބަސްވެފައި ނުވާނެ ކަމަށް އޭނާ ބުންޏެވެ.

"އެއްވެސް މީހަކު އެއްބަސް ނުވޭ ޑިފެންސް މިނިސްޓްރީގެ އެއްބަސްވުމުގައި ސޮއި ކުރަން. އެއީ މި ހާލަތުގައި އެންމެންނަށްވެސް އެނގޭނެ އެގޮތަށް ސޮއި ކޮށްފިނަމަ ކަންކަން ވާނެ ގޮތް." އޭނާ ބުންޏެވެ.

އެގޮތަށް ބުނެފައިވެސް އޭނާ މަދު ހަނގުރާމަވެރިން ރަޝިއާ ޑިފެންސް މިނިސްޓްރީގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާކަން ހާމަ ކޮށްފައެވެ.