ޖަމައިކާގެ މަޝްހޫރު ދުވުންތެރިޔާ، އުސައިން ބޯލްޓުގެ އެކައުންޓެއްގައި ހުރި އެތައް މިލިއަން ޑޮލަރެއް ގެއްލިއްޖެއެވެ.

ބޯލްޓުގެ ވަކީލުން ބުނެފައިވަނީ ޖަމައިކާގެ އިންވެސްޓްމެންޓު ފާމެއްކަމަށްވާ، 'ސްޓޮކްސް އެންޑް ސެކިއުރިޓީސް' (އެސްއެސްއެލް) ގައި ހުރި ބޯލްޓުގެ އެކައުންޓުން، 12 މިލިއަން ޑޮލަރު ގެއްލިފައިވާ ކަމަށާއި، ބޭނުންޖެހިއްޖެނަމަ އެ މައްސަލަ ކޯޓަށް ހުށައަޅަން ތައްޔާރުވެފައިވާ ކަމަށެވެ. ބޯލްޓްގެ އެކައުންޓުގައި ބާކީ ހުރި ކަމަށްވަނީ ބާރަހާސް ޑޮލަރެވެ.

ބޯލްޓުގެ ވަކީލު ލިންޓަން ޕީ ގޯޑަން ބުނެފައިވަނީ އެ އެކައުންޓަކީ ބޯލްޓްގެ ރިޓަޔަމެންޓް ޕްލޭނާއި، އުމުރުދުވަހު ރައްކާކުރި ލާރީގެ ބައެއް ކަމުގައެވެ.

ކޮންމެ މީހަކަށްވެސް މި ފަދަ ހަބަރަކީ ހިތާމަވެރި ހަބަރެއް ކަމަށާއި، ޕްރައިވެޓް ޕެންޝަންގެ ބައެއްގެ ގޮތުގައި އެ އެކައުންޓު ހެދި ބޯލްޓަށްވެސް މިއީ ލިބުނު ހިތާމަވެރި ހަބަރެއްކަމަށް ގޯޑަން ބުނެފައިވެއެވެ. އޭނާ އިތުރަށް ބުނެފައިވަނީ އެ ކުންފުނިން އެ ރުފިޔާ ނުދީފިނަމަ މައްސަލަ ހިފައިގެން ކޯޓަށް ދާނެ ކަމުގައެވެ.

ސްޓޮކްސް އެންޑް ސެކިއުރިޓީސް ކުންފުނިން ބުނެފައިވަނީ ކުންފުނީގެ ކުރީގެ މުވައްޒަފެއްގެ ފަރާތުން މަކަރާ ހީލަތުގެ އަމަލެއް ފާހަވެގެން އެކަން ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އަންގާފައިވާނެ ކަމަށެވެ. އަދި ކުންފުނީގައި ހުރި މުދާ ރައްކާތެރި ކުރުމަށާއި، ޕްރޮޓޮކޯލްތައް ވަރުގަދަ ކުރުމަށް، ފިޔަވަޅުތައް އަޅާފައިވާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ޖަމައިކާގެ ފުލުހުންގެ އިދާރާއިން ބުނެފައިވަނީ، އެ އިދާރާގެ މަކަރާއި ހީލަތާއި ފައިސާއާއި ގުޅޭ ތަހުގީގުތައް ހިންގާ ޓީމުން، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ޖަމައިކާގެ މާލީ ވަޒީރު، ނައިޖެލް ކްލާކް ވިދާޅުވެފައިވަނީ އެސްއެސްއެލް އިން ސީރިއަސް މަކަރާއި ހީލަތުގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާ ކަމަށާއި، އިދާރާތަކުން ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގައެވެ.

ގޯޑަން ބުނެފައިވަނީ ބޯލްޓްގެ އެކައުންޓަކީ ބޯލްޓާއި އޭނާގެ މައިންބަފައިންނަށް ޕެންޝަނެއްގެ ގޮތުގައި ހަދާފައިވާ އެކައުންޓެއް ކަމަށެވެ.

ބޯލްޓް ވަނީ ބާރަށް ދުވުމުގައި 8 ފަހަރު އޮލިމްޕިކްގެ ރަން މެޑަލް ހާސިލް ކޮށްފައެވެ. 10 ވަރަކަށް އަހަރު، ބާރަށް ދުވުމުގެ ބައިނަލް އަގުވާމީ މައިދާނުގައި ވެރިކަން ކުރުމަށްފަހު، އޭނާ ވަނީ 2017 ވަނަ އަހަރު ރިޓަޔާ ވެފައެވެ.