ދުނިޔޭގައި ހުރި އެންމެ ބާރު ދުވުންތެރިޔާ އުސެއިން ބޯލްޓް، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ދުވުމުގެ ހަލުވިމިނާއި ގުޅޭގޮތުން ތައުރީފުކޮށްފިއެވެ.

އޮލިމްޕިކް ރަން މެޑަލް އަށް ފަހަރު ހޯދާ، ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފައިވާ ބޯލްޓް ރޮނާލްޑޯއަށް ތައުރީފުކޮށް ބުނެފައިވަނީ އޭނާ ދުވާ ބާރުމިނަށްވުރެ ރޮނާލްޑޯ ދުވާ ބާރުމިން ހަލުވިކަމަށެވެ.

ބޯލްޓް ބުނީ ރޮނާލްޑޯ ކޮންމެ ދުވަހަކުވެސް ވޯކްއައުޓް ކުރާ ކަމަށާއި އޭނާއަކީ ސުޕަ އެތްލީޓެއް ކަމަށެވެ. އަދި ރޮނާލްޑޯ އަދިވެސް ހުރީ އެންމެ ޕީކުގައި ކަމަށާއި އަބަދުވެސް އިތުރަށް ވަރުގަދަވާން ރޮނާލްޑޯ މަސައްކަތްކުރާ ކަމަށެވެ. އެހެންކަމުން މިހާރު ރޮނާލްޑޯ ހުރި ފޯމަށް ބަލާއިރު އޭނާ ދުވުމުން ބަލިކުރުމަކީ ނުވާނެކަމެއް ކަމަށް ބޯލްޓް ބުންޏެވެ.

ދުވުމުން 2017 ވަނަ އަހަރު ރިޓަޔާކުރި ނަމަވެސް އޭނާ ދަނީ ފުޓުބޯޅައިގައި އެކި ގޮތްގޮތުން ހަރަކާތްތެރިވަމުންނެވެ. އަދި ފުޓުބޯޅަ ކުޅުމުގައިވެސް އޭނާ ވަނީ ހަރަކާތްތެރިވެފައެވެ. ބޯލްޓަކީ ފުޓުބޯޅައަށް ބޮޑު ފޯރިއެއް ހުންނަ އެތްލީޓެއްކަން ފާހަގަކޮށްލެވެއެވެ.

ދުނިޔޭގެ 100 މީޓަރުގެ ރެކޯޑާއި 200 މީޓަރުގެ ރެކޯޑު އަދިވެސް އޮތީ ބޯލްޓް އަތުގައެވެ. އެ ރެކޯޑު މުގުރުމަށް އަދިވެސް ގިނަ އެތްލީޓުން މަސައްކަތްކުރާއިރު އެކަން އަދިވެސް ކާމިޔާބެއްނުވެއެވެ. އޭނާ ދުވުމުގެ ކެރިއަރަކަށްފަހު ފުޓުބޯޅައިގެ ތެރެއަށް ވަންނަން މަސައްކަތް ކުރި ނަމަވެސް، އެ މަސައްކަތް ކާމިޔާބު ވެފައެއް ނުވެއެވެ.