އިންޑިއާގެ ގޯއާއަށް ދަތުރުކުރަމުން ދިޔަ ރަޝިއާގެ ޗާޓާޑް ފްލައިޓަކަށް، ދިން ބޮމުގެ އިންޒާރަކާ ގުޅިގެން، ފްލައިޓް އުޒްބެކިސްތާނަށް ޖައްސައިފިއެވެ.

އަޒުރު އެއާގެ ފްލައިޓް އުޒްބެކިސްތާނަށް ބަދަލުކުރީ އިންޑިއާގެ ޑަބޮލިމް އެއާޕޯޓުގެ އޮފިޝަލުންނަށް އީމެއިލް މެދުވެރިކޮށް ބޮމުގެ އިންޒާރު ލިބުމުންނެވެ.

މި ފްލައިޓް ފުރާފައި ވަނީ ރަޝިއާގެ ޕާމް ސިޓީގެ ހުޅަނގު ދެކުނުން 16 ކިލޯމީޓަރު ދުރުގައި އޮންނަ ބޮލްޝޯޔޭ ސަވިނޯގައި ހުންނަ ޕާމް އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

އެހެން ނަމަވެސް ފުރި ފަހުން، އެ ފްލައިޓް އުޒްބެކިސްތާނަށް ޖައްސަން ދަތުރު ފެށީ، ރޭ ދަންވަރު 12:30 ހާއިރު ޑަބޮލިމް އެއާޕޯޓް ޑިރެކްޓަރުގެ އޮފީހަށް އީމެއިލް އެއް ލިބުމުންނެވެ.

އެ އީމެއިލްގައި ބުނެފައި ވަނީ އެ ފްލައިޓުގައި ބޮމެއް ހަރުކޮށްފައިވާ ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އިންޑިއާގެ ވައިގެ ސަރަހައްދަށް ވަނުމުގެ ކުރިން ފްލައިޓް ވަނީ ޑައިވާޓްކޮށްފައެވެ.

އަދި އެ ބޯޓު އުޒްބެކިސްތާނުގެ އެއާޕޯޓަކަށް ޖެއްސީ ފަތިހު 4:30 ހާއިރުއެވެ.

ފްލައިޓް ޖެއްސުމަށް ހަމަޖެހިފައި އޮތީ ފަތިހު 4:38 ގައި ދަބޮލިމް އެއާޕޯޓަށެެވެ. މި އިންޒާރު ލިބުނުއިރު، ފަސިންޖަރުންގެ އިތުރުން ހަތް ފަޅުވެރިން ބޯޓުގައި ތިއްބެވެ.

މިއީ އަޒުރު އެއާގެ ފްލައިޓެއް ގޯއާއަށް ދަތުރު ފަށައިގެން އުޅެނިކޮށް ދިމާވި މިފަދަ ދެވަނަ ހާދިސާއެވެ. އެގޮތުން ބޮމުގެ އިންޒާރަކާ ގުޅިގެން ޖެނުއަރީ މަހުގެ ނުވަ ވަނަ ދުވަހު ގުޖުރާތުގެ ޖަމްނަގަރް އެއާޕޯޓަށް މޮސްކޯއިން ގޯއާއަށް ދަތުރުކުރި ފްލައިޓެއް ވަނީ އިމަޖެންސީގައި ޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު