ދުނިޔޭގައި އެންމެ ގިނައިން ބިންހެލުން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ އިންޑޮނޭޝިއާއަށް މިއަދު އެކަނި ހަ ބިންހެލުން އަތުވެއްޖެއެވެ.

އިންޑޮނޭޝިއާ އުފެދިފައި އޮންނަނީ ޕެސިފިކް ރިންގް އޮފް ފަޔާގައެވެ. މިހެންވުމުން އެ ގައުމަށް ގިނަ އަދަދަކަށް ބިންހެލުން އައިސް ގެއްލުންތައް ވެއެވެ.

ޔޫއެސްޖީއެސްގެ ޑާޓާތަކުން ދައްްކާގޮތުން މިއަދު އެކަނި އިންޑޮނޭޝިއާއަށް ހަ ބިންހެލުން އައިސްފައި ވެއެވެ.

އެގޮތުން މިއަދު އެންމެ ފުރަތަމަ ބިންހެލުމެއް އައިސްފައި ވަނީ 4.5 މެގްނެޓިއުޑް ބާރުމިނުގައި ސުމަޓްރާގެ ކޮޓަބުމި ސިޓީ ކައިރިއަށް ރޭ ދަންވަރު 3:55ގައެވެ. އޭގެ ފަހުން ދެވަނަ ބިންހެލުން އައިސްފައި ވަނީ 5.1 މެގްނެޓިއުޑް ބާރުމިނުގައި ޓޮބެލޯ އަވަށުގެ އުތުރަށް ހެނދުނު 6:10 ގައެވެ.

ތިން ވަނަ ބިންހެލުން އައިސްފައި ވަނީ ހެނދުނު 7:13 ހާއިރު ޓޮބެލޯ އަވަށުގެ އުތުރަށް 5.8 މެގްނެޓިއުޑް ބާރުމިނުގައެވެ. ހަތަރު ވަނަ ބިންހެލުން 4.6 މެގްނެޓިއުޑް ބާރުމިނުގައި ހަމަ އެ ހިސާބަށް އައިއިރު، ހެނދުނު 9:07ގައި 4.7 މެގްނެޓިއުޑް ބާރުމިނުގައި ފަސް ވަނަ ބިންހެލުންވެސް އައިސްފައި ވަނީ ހަމަ އެ ހިސާބަށެވެ. އަދި ހަ ވަނަ ބިންހެލުންވެސް 1035ގައި އައިސްފައި ވަނީ ހަމަ އެ ހިސާބަށެވެ. އެއީ 4.5 މެގްނެޓިއުޑް ބާރުމިނުގެ ބިންހެލުމެކެވެ.

މިއަދު އައި ބިންހެލުންތަކާއި ގުޅިގެން ގެއްލުންތަކެއް ލިބުނުކަން، ނުވަތަ ނޫން ކަން އަދި ސާފެއް ނުވެއެވެ.

އެހެން ނަމަވެސް މީގެ ފަސް ދުވަސް ކުރިން އެ ގައުމަށް 7.1 މެގްނެޓިއުޑް ބާރުމިނުގައި ބިންހެލުމެއް އައިސް ގެއްލުންތަކެއް ވިއެވެ.