ޖަޕާނާއި، ދެކުނު ކޮރެއާގެ މެދަށް މުދާ އުފުލާ ބޯޓެއް އަޑިއަށްގޮސް، ގެއްލުނު 9 މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އެބަ ދެއެވެ.

ޖަޕާނާއި ދެކުނު ކޮރެއާގެ މީޑިއާތަކުން ބުނާ ގޮތުގައި، 6551 ޓަނުގެ "ޖިންޓިއަން" ނަމަކަށް ކިޔާ މި ބޯޓު، ޖަޕާނުގެ ނަގަސާކީ ގެ އައްސޭރީގެ ބޭރުން އަޑިއަށް ދިޔަ އިރު، ބޯޓުގައި ތިބި 13 ފަޅުވެރިން މިއަދު ވަނީ ސަލާމަތް ކޮށްފައެވެ. އޭގެ ތެރެއިން 5 ފަޅުވެރިން ސަލާމަތް ކޮށްފައިވަނީ އެ ސަރަހައްދުން ދަތުރުކުރި އުޅަނދު ތަކުންނެވެ. އަދި ފަހުން ޖަޕާނާއި ދެކުނު ކޮރެއާގެ ކޯސްޓު ގާޑުން ވަނީ އިތުރު 8 މީހަކު ސަލާމަތް ކޮށްފައެވެ.

ޖަޕާނުގެ އޮފިޝަލުން ބުނާގޮތުގައި އެ ބޯޓުގެ ފަޅުވެރިންގެ ގޮތުގައި ތިބީ ޗއިނާގެ 14 ރައްޔިތުންނާއި، މިއަންމާގެ 8 ރައްޔިތުންނެވެ.

ޖަޕާނުގެ މީޑިއާތަކުން ބުނާގޮތުގައި، ބޯޓު އަރިއަޅާލައި ދިޔަވަމުންދާތީ، ބޯޓުން ފުރަތަމަ އެހީއަށް އެދިފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި ބޯޓު އަޑިއަށް ގޮސްފައިވަނީ އެ ކޯލު ކުރިތާ 4 ވަރަކަށް ގަޑިއިރު ފަހުންކަމަށް ރިޕޯޓްތައް ބުނެއެވެ.

ދެކުނު ކޮރެއާގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި ބޯޓުގެ ކެޕްޓަން އެންމެ ފަހުން ދެކުނު ކޮރެއާގެ ޖެޖޫ އައިލެންޑުގެ ކޯސްޓު ގާޑާއި މުއާމަލާތު ކުރީ ރޭ މެންދަމުގެ ވަގުތެއްގައެވެ. އަދި ފަޅުވެރިން ބޯޓު ދޫކޮށްލާނެ ކަމަށް ކެޕްޓަން ވަނީ ބުނެފައެވެ.

ދެކުނު ކޮރެއާގެ މީޑިއާތަކުން ބުނެފައިވަނީ، އެގައުމުގެ ކޯސްޓްގާޑުން އެ ސަރަހައްދަށް ދިޔަ އިރު ބޯޓު އެއްކޮށް އަޑިއަށް ގޮސްފައިވާ ކަމަށެވެ. އަދި ކޯސްޓު ގާޑުން ފުރަތަމަ ބެލި 3 ލައިފް ރާފްޓާއި ދެ ލައިފްބޯޓުންވެސް އެއްވެސް މީހަކު ފެނިފައެއް ނުވެއެވެ.

ލަކުޑި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ މި ބޯޓު ބަންޑުން ޖަހާލި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.

ނަމަވެސް ހާދިސާ ހިނގާފައި މިވަނީ، ޖަޕާނާއި ދެކުނު ކޮރެއާގެ ބޮޑު ސަރަހައްދަކަށް، ބޯކޮށް ސްނޯވެހި މޫސުން ގޯސްވެފައި ވަނިކޮށެވެ. ބޯޓު އަޑިއަށް ދިޔަ ނަގަސާކީ އާއި ޖެޖޫ އައިލެންޑާއި ދެމެދުގެ ސަރަހައްދުގައިވެސް، މޫސުން ގޯސް ވުމުގެ ސަބަބުން އިއްޔެ ވަނީ އެތައް ސަތޭކަ ފްލައިޓެއްވެސް ކެންސަލް ކޮށްފައެވެ.

ޖަޕާނުގެ ކޯސްޓުގާޑުން ބުނެފައިވަނީ އެހީއަށް އެދި ބޯޓުން ގުޅި އިރު ވައި ވަރަށް ގަދަ ކަމަށެވެ. އަދި ވަގުތުން ޕެޓްރޯލް ބޯޓުތަކާއި، މަތިންދާބޯޓުތައް ފޮނުވާފައިވީ ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން އެ ހިސާބަށް ފޯރުން ލަސްވެފައިވާ ކަމަށް ކޯސްޓުގާޑުން ބުނެފައިވެއެވެ.

ޖިންޓިއަން އަކީ ހޮންގްކޮންގްގައި ރަޖިސްޓަރީ ކޮށްފައި އޮތް ބޯޓެކެވެ.