1960 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސޮއި ކުރެވުނު، "އިންޑަސް ވޯޓަރ ޓްރީޓީ" (އައިޑަބްލިއުޓީ) ތަންފީޒުކުރުމަށް ޕާކިސްތާނުން އިންޑިއާގެ ހިޔާލުތަކާއި ދެކޮޅުހަދާތީ، އެއްބަސްވުމަށް ބަދަލު ގެނައުމަށް އިންޑިއާއިން ޕާކިސްތާނަށް ހުށައަޅައިފި ކަމަށް މަސްދަރުތަކާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފިއެވެ.

އިންޑިއާ އާއި ޕާކިސްތާނުން މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ، ނުވަ އަހަރުގެ މަޝްވަރާތަކަށްފަހު 1960 ވަނަ އަހަރުގައެވެ. މިއެއްބަސްވުމުގައި ވޯލްޑް ބޭންކުންވެސް ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި އެސަރަހައްދުގެ އެތައް ކޯރުތަކެއްގެ ފެން ބޭނުންކުރުމާއި މެދު ދެ ގައުމުގެ މެދުގައި މައުލޫމާތު ބަދަލުކުރުމާއި، ގުޅިގެން މަސައްކަތް ކުރާނެ ގޮތްތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން އެ އެއްބަސްވުމުގެ ދަށުން އިރުމަތީގެ ތިން ކޯރު ކަމަށްވާ ބިއާސް، ރަވީ އަދި ސުތްލެޖް ގެ ކޮންޓްރޯލް އިންޑިއާ އަށް އޮންނަ އިރު، ހުޅނަގުގެ ތިން ކޯރު ކަމަށްވާ އިންޑަސް، ޗެނަބް، އަދި ޖެލުމް ގެ ކޮންޓްރޯލް އޮންނަނީ ޕާކިސްތާނަށެވެ. އިންޑަސް ނިޒާމުން ދައުރުވާ ފެނުގެ 20 އިންސައްތަ އިންޑިއާއަށް އޮންނަ އިރު، 80 އިންސައްތަ އޮންނަނީ ޕާކިސްތާނަށެވެ.

އިންޑިއާއިން މި އެއްބަސްވުމަށް ބަދަލު ގެންނަން ޕާކިސްތާނަށް ނޯޓިސް ފޮނުވާފައިވަނީ، އެއްބަސްވުމުގައި ބުނާގޮތަށް، އިންޑަސް ވޯޓާސް އަށް ދެ ގައުމުން ކަނޑައަޅާފައި ހުންނަ ކޮމިޝަނަރު މެދުވެރިކޮށެވެ. މި ފިޔަވަޅު އިންޑިއާއަށް އަޅަން ޖެހިފައިވަނީ، އިންޑިއާގެ ދެ ހައިޑްރޯ އިލެކްޓްރިކް ޕްރޮޖެކްޓްގެ މައްސަލަތައް ހައްލުކުރުމަށާއި މަޝްވަރާކުރުމަށް ފާއިތުވި 5 އަހަރު އިންޑިއާ އިން މަސައްކަތް ކުރި ނަމަވެސް، ޕާކިސްތާނުން އެކަމަށް ދެކޮޅު ހަދާފައިވުމުން ކަމަށް މަސްދަރުތަކުން ބުނެފައިވެއެވެ.

އިންޑިއާއިން ބޭނުންވަނީ، ދެ ސަރުކާރުގެ މަޝްވަރާތަކަށް ޕާކިސްތާނުން ޖާގަ ދޭން ޖެހޭނެ ފަދަ ބަދަލުތަކެއް އެއްބަސްވުމަށް ގެންނާށެވެ. އަދި މި މަރުހަލާގެ ތެރެއިން ފާއިތުވި 62 އަހަރުގެ ތެރޭގައި ލިބުނު ފިލާވަޅުތައްވެސް އެބަސްވުމުގައި ހިމެނިގެން ދާނެއެވެ.

އިންޑިއާގެ މަސްދަރުތަކުން ބުނެފައިވަނީ އިންޑިއާއިން އަބަދުވެސް މި އެއްބަސްވުން ތަންފީޒުކުރުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށާއި، ނަަމވެސް ޕާކިސްތާނުގެ އަމަލުތަކުގެ ސަބަބުން އެއްބަސްވުމަށް އަސަރުކޮށްފައިވާ ކަމަށެވެ.

ޕާކިސްތާނުން 2015 ވަނަ އަހަރު ވަނީ އިންޑިއާގެ ހައިޑްރޯއިލެކްޓްރިކް ޕްރޮޖެކްޓަތަކަށް އެގައުމުން ދެކޮޅުހަދާ ސަބަބުތައް ބެލުމަށް ވަކިއަތަކަށް ނުޖެހޭ ތަޖުރިބާކާރަކާއި ހަވާލު ކޮށްފައެވެ. ނަމަވެސް އޭގެ އަނެއް އަހަރު ޕާކިސްތާނުން އެކަމުން ބަރީއަވުމަށްވުމަށްފަހު، ހުށައަޅާފައިވަނީ ޕާކިސްތާނުގެ ސަބަބުތައް ގާނޫނީ ކޯޓަކުން ބެލުމަށެވެ.

އިންޑިއާގެ މަސްދަރުތަކުން ބުނެފައިވަނީ އެއް މައްސަލައެއް ހައްލު ކުރުމަށް ދެ މަރުހަލާއެއް ފެށުމަކީ، ދެމަރުހަލާއިން ނިންމާ ނިންމުންތައް ތަފާތުވެއްޖެނަމަ، ގާނޫނީ ގޮތުން އުނދަގޫ ހާލަތެއް ކުރިމަތި ކުރުވާނެ ކަމެއް ކަމަށެވެ. އަދި 2016 ވަނަ އަހަރު ވޯލްޑް ބޭންކުންވެސް މިކަން ބަލައިގަނެ، އެއްފަހަރާ ދެ މަރުހަލާއެއް ފެށުން ހުއްޓުވާފައިވާ ކަމަށާއި، އިންޑިއާ އާއި ޕާކިސްތާނު ގުޅިގެން މިކަން ހައްލުކުރާނެ ގޮތެއް ހޯދުމަށް އެދިފައިވާ ކަމަށް މަސްދަރު ތަކުން ބުނެފައިވެއެވެ.

އިންޑިއާ ސަރުކާރުގެ މަސްދަރުތަކުން ބުނެފައިވަނީ 2017 އިން 2022 އަށް ބޭއްވުނު ފަސް ބައްދަލުވުމުގައިވެސް، ޕާކިސްތާނުން މި މައްސަލައާއި މެދު މަޝްވަރާކުރަން ދެކޮޅު ހަދާފައިވާ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން، ދަނޑުވެރިކަމުގެ ބޭނުމަށް ވަކި ވަރަކަށް، އަދި އެއްވެސް ލިމިޓެއްނެތި ކަރަންޓު އުފެއްދުން ފަދަ ކަންކަމަށް ހުޅަނގުގެ ކޯރުތަކުން އިންޑިއާއަށް ފެން ބޭނުންކުރުމުގެ ހުއްދަ ލިބެއެވެ. އަދި ކޯރުތަކުގެ މަތީގައި އިމާރާތްކުރުމުގެ މަސައްކަތްކުރުމާއި ބެހޭ ގޮތުންވެސް ގަވާއިދުތަކެއް މި އެއްބަސްވުމުގައި ކަނޑައަޅާފައި އޮވެއެވެ.

ކިޔުންތެރިންގެ ހިޔާލު