ދާދިފަހުން ސްވިޑެން އަދި ނެދަލެންޑްސްގައި ހަރުކަށި ފިކުރުގެ ބަޔަކު ޤުރުއާން ހަތިމު އަންދާފައިވުމުން، އެކަން ކުށްވެރިކޮށް އިއްޔެ މުސްލިމު އެތައް ގައުމެއްގައި މުޒާހަރާތައް ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން އިއްޔެގެ މުޒާހަރާތައް ކުރި ގައުމުތަކުގެ ތެރޭގައި ޕާކިސްތާން، އިރާޤު، އިރާން، ލުބުނާން، ބަހްރެއިން، އަދި މެލޭޝިއާ ހިމެނެއެވެ. މިގައުމުތަކުގައި ކުރި މުޒާހަރާތައް ވަނީ ސުލްހަވެރިކަމާއެކު ނިންމާލާފައެވެ.

ޕާކިސްތާނުގެ ވެރިރަށް، އިސްލާމްއާބާދުގައި، ސްވިޑެންގެ އެމްބަސީ ކައިރިއަށް ދާން އުޅުނު މުޒާހަރާގެ ބައެއް ބައިވެރިން ފުލުހުން ވަނީ ހުއްޓުވާފައެވެ. ޔޫރަޕުގެ ދެ ގައުމުގެ އަމަލުތައް ކުށްވެރިކުރުމަށް އިރުމަތީ ޕަންޖާބު ޕްރޮވިންސްގެ ލާހޫރުގައި، ތެހެރީކޭ ލާބިއަކް ޕާކިސްތާން ޕާޓީން ކުރިއަށް ގެންދިޔަ ރެލީއެއްގައި 12000 އެއްހާ މެމްބަރުން ވަނީ ބައިވެރިވެފައެވެ. މިފަދަ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް ނެދަލެންޑްސް އަދި ސްވިޑެންގެ ސަރުކާރަށް ބާރުއެޅުމަށް، ޕާކިސްތާނުގެ ސަރުކާރަށް ޕާޓީގެ ލީޑަރު ސާދް ރިޒްވީ ވަނީ ގޮވާލައްވާފައެވެ.

މިފަދަ ރެލީތަކެއް ވަނީ ދެކުނުގެ ކަރާޗީގައި އާއި، އަދި އެގައުމުގެ ހުޅަނގު އުތުރުގައިވެސް ކުރިއަށް ގެންގޮސްފައެވެ.

ޤުރުއާން އެންދުން ކުށްވެރިކޮށް ހުކުރުދުވަހު ލުބުނާނުގައި ކުރި މުޒާހަރާގެ ތެރެއިން --- ފޮޓޯ: އޭޕީ

އިރާންގެ ވެރިރަށް، ތެހެރާންގައި މިއަދު ހުކުރު ނަމާދަށްފަހު އެތައް ސަތޭކަ ބަޔަކު ވަނީ ހިނގާލުމެއް ކުރިއަށް ގެންގޮސްފައެވެ. މި ހިނގާލުމުގައި ބައިވެރިވި މީހުން ވަނީ ސްވިޑެންގެ ދިދަވެސް އަންދާފައެވެ.

ލުބުނާންގެ ވެރިރަށް ބޭރޫތްގައި، ރުޅިގަދަވެފައި ތިބި، ގާތްގަނޑަކަށް 200 އެއްހާ މުޒާހަރާގެ ބައިވެރިން ވަނީ، ބޭރޫތްގެ ސެންޓްރަލް މާޓަޔާސް ސްކޮޔާގައި ހުންނަ މިސްކިތެއްގެ ކުރިމަތީގައި ސްވިޑެން އާއި ނެދަލެންޑްސްގެ ދިދަ އަންދާފައެވެ.

ގުރުއާން އަންދާލުމާއި ގުޅިގެން ކުދި ކުދި މުޒާހަރާތަކެއް ބަހްރެއިން ގައިވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ގުރުއާން ހަތިމް އަންދާލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މެލޭޝިއާގެ ހާރިޖީ ވުޒާރާއިން ހުކުރު ދުވަހު ބަޔާނެއް ނެރެފައިވާއިރު، ބުރާސްފަތި ދުވަހު ވަނީ ސްވިޑެންގެ ސަފީރުވެސް ހާޒިރުކޮށްފައެވެ. އަދި މެލޭޝިއާގައި ހުންނަ ސްވިޑެން އާއި ނެދަލެންޑްސްގެ އެމްބަސީތައް ހުންނަ އިމާރާތްތަކުގެ ކުރިމައްޗަށްވެސް މުޒާހަރާ ކުރާ މީހުން ވަނީ ހުކުރު ދުވަހު އެއްވެފައެވެ.

ޤުރުއާން އެންދުން ކުށްވެރިކޮށް ހުކުރުނަމާދަށްފަހު މެލޭޝިއާގައި ކުރި މުޒާހަރާގެ ތެރެއިން ---

މިދިޔަ ހަފްތާ ސްވިޑެންގެ ވެރިރަށް، ސްޓޮކްހޯމްގައި ހުންނަ ތުރުކީވިލާތުގެ އެމްބަސީގެ ބޭރުގައި، ފުލުހުންގެ ހުއްދަ ލިބިގެން، ފުލުހުންގެ ހިމާޔަތުގައި ކުރި މުޒާހަރާއެއްގައި، ޑެންމާކްގެ ހަރުކަށި ފިކުރުގެ ކަނާތުފިޔައިގެ ސިޔާސީ ޕާޓީއެއްގެ ލީޑަރު، ރާސްމުސް ޕަލޫދާން ވަނީ ޤުރުއާން ހަތިމެއް އަންދާލާފައެވެ.

އަދި އޭގެ އެއް ދުވަސްފަހުން، އިސްލާމްދީނާ ދެކޮޅު ނެދަލެންޑްސްގެ ޖަމިއްޔާއެއްގެ ލީޑަރު، އެޑްވިން ވޭގަންސްވެލްޑް ވަނީ، ނެދަލެންޑްސްގެ މަޖިލީސްކުރާ ގޭގެ ބޭރުގައި، ގުރުއާން ހަތިމުގެ ސަފްހާތަކެއް ވީދާ، އެއަށް ފައިން އެރުމަށްފަހު އަންދާލާފައެވެ. އޭނާ ބުނެފައިވަނީ އެކަން ކުރީ އިދާރާތަކުގެ ހުއްދަ ލިބިގެން ކަމަށެވެ.

މި އަމަލުތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިއަން މުސްލިމުންނެއްގެ ލޭ ކެކި، މުޒާހަރާތައް ކުރަން ވަނީ ފަށާފައެވެ.

ޑެންމާކް އަދި ސްވިޑެންގެ ރައްޔިތުކަންވެސް އޮންނަ ޕަލޫދާން ހުކުރު ދުވަހު ބުނެފައިވަނީ، ސްވިޑެން ނޭޓޯ އަށް ވައްދަންދެން، ކޮންމެ ހުކުރުދުވަހަކު ކޯޕަންހޭގަން ގައި ހުންނަ ތުރުކީގެ އެމްބަސީގެ ބޭރުގައި، ހަމަ އެ ފަދަ މުޒާހަރާތައް ތަކުރާރު ކުރާނެ ކަމަށެވެ.

ސްވިޑެންގެ ލީޑަރުން ޕަލޫދާންގެ އަމަލުތައް ކުށްވެރި ކޮށްފައިވީނަމަވެސް، އެކަމަށް ހުއްދަ ދިނުން ވަނީ ދިފާއުކޮށްފައެވެ.

ސްވިޑެންގެ ބޮޑުވަޒީރު އުލްފް ކްރިސްޓަރސަން ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޑިމޮކްރެސީގެ ބައެއް ކަމަށާއި، އޭގެ މާނައަކީ ގާނޫނީ ގޮތުން ހުއްދަ ކޮންމެ ކަމަކީ ރަނގަޅު ކަމަކަށް ވުން ނޫންކަމަށެވެ. ކްރިސްޓަސަން އިތުރަށް ވިދާޅުވީ ބައެއްގެ މުޤައްދަސް ފޮތެއް އެންދުމަކީ ވަރަށް އިހުތިރާމު ކުޑަ އަމަލެއްކަމަށެވެ.

އިރާޤުގެ އެތައް ސަތޭކަ ބަޔަކު ހުކުރު ދުވަހު ގުރުއާން ހަތިމުތަކަކާއި އެކު ބަޣުދާދުގެ މިސްކިތެއްގެ ބޭރުގައި --- ފޮޓޯ: އޭޕީ

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ މީހުންގެ އަގީދާއަށް ބޭއިހުތިރާމު ކުރުންތޯ އިރާޤުގެ ނުފޫޒު ގަދަ ޝީއީ އިމާމެއް ކަމަށްވާ މުގުތަދާ އަލް ސަދްރް ހުކުރު ދުވަހު ވަނީ ސުވާލު ކޮށްފައެވެ. އަދި އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ވިއްސާރަދުނީގެ ދިދަތައް އެންދުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ނުވަނީ ކީއްވެތޯވެސް އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

މުރުތަދާ އަށް ތާއީދުކުރާ އެތައް ސަތޭކަ ބަޔަކު ވަނީ، ގުރުއާން ހަތިމުތަކަކާއި އެކު ބަޣުދާދުގެ މިސްކިތެއްގެ ކުރިމައްޗަށް އެއްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދޮންބެ

    މިގައުމަކު ނެތް ޤުރުއާން އެންދުމާއި ގުޅިގެން އަޑު އުފުލާނެ ބަޔަކު. މިތަނުގަ އުޅެނީ ސީޔާސީ ކަންކަން ދަންނަ ކަމަށް ހެދިގެން އުޅެ ގުނބޮލުން. މުޒާހަރާ ކުަރަން ދުވަނީވެސް އަމިއްލަ މީހާގެ ފައިދާ އަށް. ރައްޔިތަކަށް ހެޔޮ އެދިގެން އުޅޭ އެކަކުވެސް ނެތީ ހަމަ. ﷲ އާއި އެކަލާނގެ ދީނަށް ކަމޭނުހިތާ އުޅުނު ދުވަހުގެ ހިތި ފެންނާނެ އަދި. އޭރު ނާންނާނެ ސިޔާސީ މަނިކުފާނު އެެއްވެސް މީހަކު ސަލާމަތް ކުރަން އަދި ނުވެސް ކުރެވޭނެ. އިސްލާމީ ޝަރީއަތާ ޙިލާފަށް ޤާނޫނު ހަދައިގެން އެއަށް އަމަލުކުރާ ތަނެއްގެ މަސްލަހަތު ކީއްކުރަން އެއްކަމެއް ވެސް ރަނގަޅެއް ނުވާނެ. އައި އޭމް ޕްރައުޑް ޓު ބީ އަ މުސްލީމް ނޮޓް އަ މޯލްޑިވިއަން. ވައްސަލާމް!

  2. ހުސެން

    ކޮބާ މި ސަތޭކަ ޕަސަންޓް ރާއްޖެމީހުން