ދާދިފަހުން މީސްމީޑިއާގައި އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތް އެއް މަންޒަރަކީ އެމެރިކާގެ ތިން ފުލުހަކު ކަޅު ނަސްލުގެ ފިރިހެނަކު ބިންމައްޗަށް ވައްޓައި އޭނާގެ ގައިގައި ތަޅައި އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެވެ.

އެމަންޒަރު ފެންނަ ވީޑިއޯ ދާދިފަހުން އާންމުވި ނަމަވެސް އެކަން ހިނގާފައިވަނީ މިމަހުގެ 7 ވަނަ ދުވަހު ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އުމުރުން 29 އަހަރުގެ ޓަޔާ ނިކޮލަސް ބިންމައްޗަށް ވައްޓާލައިގެން ތިން ފުލުހަކު އޭނާއަށް އަނިޔާ ކުރާ މަންޒަރެވެ. އެގޮތުން ދެ ފުލުހަކު އޭނާގެ ގައިގައި ކަކޫ ޖައްސައިގެން ފަހަތަށް ބިޑި އަޅުގައި މޫނުގައާއި ގައިގެ އެކި ދިމަ ދިމާލުގައި ފައިން ތަޅާ މަންޒަރު ފެންނައިރު، ބޮލުގައި ހިފަހައްޓައިގެން ހުރި ފުލުސް މީހާ އޭނާގެ ބޯ ބިންމަތީގައި ތިން ފަހަރެއްގެ މަތިން ޖަހާ މަންޒަރު ވެސް ފެނިގެން ދެއެވެ.

އެކި ދިމަދިމާލުން ފުލުހުން ނިކޮލަސް އަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯތައް ނަގާފައިވާއިރު، ފުލުހުންގެ ބޮޑީ ކެމްއިން ނަގިފައިވާ ވީޑިއޯއިން އަޑުއިވިގެން ދަނީ ފުލުހުން އޭނާއަށް އަނިޔާ ކުރަމުން ދިޔަ ވަގުތު ތިން ފަހަރެއްގެ މަތިން "މަންމަ" އަށް ގޮވަމުން ދިޔަ އަޑެވެ. އެގޮތަށް އޭނާ މަންމަ އަށް ގޮވާފައިވަނީ ފުލުހުން އޭނާގެ މޫނު މަތީގައި ތަޅަން ފެށި ހިސާބުންނެވެ.

މިހާތަނަށް އޭނާ ހައްޔަރު ކޮށްފައިވަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް އެނގިފައި ނުވި ނަމަވެސް، މިމަހުގެ 10 ވަނަ ދުވަހު ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން އަންނަނިކޮށް އޭނާ މަރުވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މިމައްސަލައާއި ގުޅިގެން އެގައުމުގައި މުޒާހަރާ ކުރި ނަމަވެސް، ރައީސް ޖޯ ބައިޑެން ވަނީ ކެތްތެރިކަމާއި އެކީ ތިބުމަށާއި މައްސަލަ ހިނގާދިޔަ ގޮތް ބަލާނެ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އިސްތިއުފާ.

    17