ޑެންމާކްގެ ހަރުކަށި ފިކުރުގެ ކަނާތުފިޔައިގެ ސިޔާސީ ލީޑަރު، ރާސްމުސް ޕަލޫދާން އަނެއްކާވެސް އިއްޔެ ޤުރުއާން ހަތިމުތަކެއް އަންދާލައިފިއެވެ.

ސްވިޑެންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ ތުރުކީގެ އެމްބަސީ ކުރިމަތީގައި މިދިޔަ ހަފްތާ ގުރުއާން އަންދާލި ޕަލޫދާން، މިފަހަރު މިއަމަލު ކޮށްފައިވަނީ ޑެންމާކުގެ ވެރިރަށް ކޯޕަންހޭގަންގައި ހުންނަ ތުރުކީގެ އެމްބަސީގެ ކުރިމަތީގައި އާއި، ކޯޕަންހޭގަންގެ މިސްކިތެއްގެ ކައިރީގައެވެ.

އިއްޔެ ޕަލޫދާން ފުރަތަމަ ގުރުއާން ހަތިމު އަންދާލާފައިވަނީ ކޯޕަންހޭގަންގެ މިސްކިތެއްގެ ބޭރުގައި، ހުކުރު ނަމާދު ނިމުނު ވަގުތުއެވެ. އޭނާ މި އަމަލު ކޮށްފައިވަނީ ރައިޓް ފުލުހުންގެ ހިމާޔަތުގައި، ބޮލުގައި ހެލްމެޓެއް އަޅައިގެން ހުރެއެވެ. މިސްކިތުގެ ބޭރުގައި ހުރެގެން، "މި މިސްކިތަށް ޑެންމާކުގައި އެއްވެސް ޖާގައެއް ނެތް" ކަމަށްވެސް އޭނާ ވަނީ ގޮވާފައެވެ. އަދި ހުކުރު ކޮށްގެން މިސްކިތުން ފައިބަމުންދިޔަ މީހުންގެ ސަމާލުކަން ހޯދުމަށްޓަކައި އޭނާ ވަނީ މާތް ރަސޫލާ މުހައްމަދު ޞައްލަﷲ އަލައިހި ވަސައްލަމް އަށް ކުޑައިމީސްކުރުމުގެ އަމަލުތައްވެސް ކޮށްފައެވެ.

ޕަލޫދާންގެ މި އަމަލުތަކަށް ފަހުގައިވެސް މިސްކިތުން ފޭބި މީހުން ހަމަނުޖެހުން ހިންގާފައެއް ނުވެއެވެ.

ފުލުހުންގެ ހިމާޔަތް ލިބިފައިވާ ޕަލޫދާން އެތަނުން ގޮސްފައި ވަނީވެސް ފުލުހުންގެ ކާރެއްގައެވެ.

އެއަށްފަހު އޭނާ ވަނީ ތުރުކީގެ އެމްބަސީ ކައިރިއަށް ގޮސް އެތަނުގައިވެސް އޭނާގެ އަމަލުތައް ތަކުރާރު ކޮށްފައެވެ.

"ސްވިޑެން ނޭޓޯ އާއި ގުޅެން އުރުދުޣާން ހުއްދަ ދެއްވުމުން، ތުރުކީގެ އެމްބަސީގެ ބޭރުގައި ގުރުއާން ނާންދާނެ ކަމަށް އަހަރެން ވައުދުވަން. އެހެންނޫނިއްޔާ ކޮންމެ ހުކުރު ދުވަހަކު މެންދުރު ފަހު 2 ޖަހާއިރު އަހަރެން މިކަން ކުރާނަން." އެމްބަސީގެ ބޭރުގައި ހުރެގެން އޭނާ ކިޔާފައިވެއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މުސްލިމުން ރުޅިއެރުވުމަށް މި ހަރަކާތް ހިންގި އިރު އެތަނުގައި ވަރަށް ގިނަ ފުލުހުންވެސް ތިއްބެވެ. އަދި އެތަނަށް އެއްވެފައި ތިބި ތުރުކީގެ ރައްޔިތުންނާއި، ނޫސްވެރިން ކުރިއަށް ނުޖެހުމަށް ފުލުހުން ހަރުކަށިކަމާއިއެކު އަންގާފައިވާ ކަމަށާއި، ނަމަވެސް ޕަލޫދާން އާއި މެދު ކަންތައް ކޮށްފައިވަނީ ވަރަށް ރަނގަޅަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އަދި އެމްބަސީ ބޭރަށް އެއްވެ، ލައުޑްސްޕީކަރު ބޭނުންކޮށްގެން ބަންގި ގޮވަމުންދިޔަ ތުރުކީގެ ރައްޔިތުންތަކެއް އެ ސަރަހައްދުން ދުރައް ޖައްސާ، ޕަލޫދާން އައުމުގެ ކުރިން ފުލުހުން އެ ސަރަހައްދު ބަންދު ކޮށްފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

45 ވަރަކަށް މިނެޓް އެތަނުގައި ހަރަކާތްތެރި ވުމަށްފަހު އޭނާ އެތަނުން ގޮސްފައިވަނީ ފުލުހުންގެ ހިމާޔަތުގައެވެ.

ޑެންމާކުގައި ޕަލޫދާން ކުރި މި އަމަލު ތުރުކީ ވިލާތުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި ސްވިޑެން ނޭޓޯ އާއި ގުޅެން ތުރުކީގެ ތާއީދު ނުލިބޭނެ ކަމަށްވެސް ކުރިން ތުރުކީގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން ވަނީ ވިދާޅުވެފައެވެ.

ސްވިޑެން އާއި ޑެންމާކުގައިވެސް ޕަލޫދާން ހަދައިގެން އުޅޭ ކަނާތު ފިޔައިގެ ޕާޓީތަކަށް އެންމެ ފަހުގެ ގައުމީ، ސަރަހައްދީ، އަދި މުނިސިޕަލް އިންތިހާބު ތަކުގައިވެސް އެއްވެސް ގޮނޑިއެއް ކާމިޔާބު ވެފައެއް ނުވެއެވެ. މިދިޔަ އަހަރު ސްވިޑެންގެ މަޖިލީސް އިންތިހާބުގައި، އޭނާ ގެ ޕާޓީއަށް މުޅި ގައުމުންވެސް ލިބިފައިވަނީ އެންމެ 156 ވޯޓެވެ.

ސްވިޑެންގައި މިދިޔަ ހަފްތާ އޭނާ ގުރުއާން އަންދާލުމުގެ އެއްދުވަސް ފަހުން، އިސްލާމްދީނާ ދެކޮޅު ނެދަލެންޑްސްގެ ޖަމިއްޔާއެއްގެ ލީޑަރު، އެޑްވިން ވޭގަންސްވެލްޑް ވަނީ، ނެދަލެންޑްސްގެ މަޖިލީސްކުރާ ގޭގެ ބޭރުގައި، ގުރުއާން ހަތިމުގެ ސަފްހާތަކެއް ވީދާ، އެއަށް ފައިން އެރުމަށްފަހު އަންދާލާފައެވެ. އޭނާ ބުނެފައިވަނީ އެކަން ކުރީ އިދާރާތަކުގެ ހުއްދަ ލިބިގެން ކަމަށެވެ.

މިއަމަލުތައް ކުށްވެރިކޮށް އިއްޔެ މުސްލިމު އެތައް ގައުމެއްގައި ވަނީ ސުލްހަވެރި އެއްވުންތައްވެސް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އިއްޔެގެ މުޒާހަރާތައް ކުރި ގައުމުތަކުގެ ތެރޭގައި ޕާކިސްތާން، އިރާޤު، އިރާން، ލުބުނާން، ބަހްރެއިން، އަދި މެލޭޝިއާ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މުނިމާ

    މި މާލޭގައިވެސް ތިކަން ކުށްވެރިކުރަން އެބަޖެހޭ ހިނގާލުމެއް ބާއްވަން

    54
    2
  2. Anonymous

    ޔާ ﷲ މި ޝައިތާނުންގެ މައްޗައް ގަދަފަދަ ވެގެންވާ ކޯފާއެއް ފޮނުއްވައި ހަލާކުކޮއްދެއްވައި ފާދޭއެވެ. އާމީން

    80
    • މޯޑު

      އާމީން

      23
  3. ކާޅު

    މިފަލޫދާއަކީ އަމިއްލައަށް ހަލާކު ލިބިގަންނަން މަސައްކަތް ކުރާ މީހެއް..ނާތަހުޒީބު މީހުންގެ ފަރާތުން ފެންނާނީ އަބަދުވެސް ނާތަހުޒީބު އަމަލުތަކެއް..ކީރިތި ޤުރްއާން މީނާއަށް ކޮންކަމެއް ކޮށްގެންބާ މިހާވަރެއް މިއަރުވަނީ؟؟

    30
  4. އަހުމަދު

    ތި ޝައިތާނާ ގެ ނިމުން އަވަސް ކޮއްދެއްވުން އެދި މާތްﷲގެ ހަޟްރަތުގައި ދުޢާ ދަންނަވަން

    45
    1
  5. މުހައްމަދު

    ހައްދަވާގެންގުޅުއްވާ މަތިވެރި އިލާހު މިކަލޭގެއަށް ނުބައިވެގެންވާ ބައްޔެއް ޖައްސަވައި ފާދޭވެ. އާމީން..

    25
    • 😇

      ސުންމަ އާމީން ޔާ ރައްބުލް އާލަމީން..

  6. 😇

    ސުންމަ އާމީން ޔާ ރައްބުލް އާލަމީން..

    4
    1
  7. އަހްމަދު

    ތިކަން ކުރީމީހެއްގެ ގައިގާ އަލީފާހިފާނެ ދުވަސް އަންނާނެ!

  8. މުހައްމަދު

    މާތް ﷲ އެމީހުންގެ ނިމުން އަވަސް ކޮއްދެއްވާށި އާމީން