ތުރުކީއަށް އައި ބާރުގަދަ 2 ބިންހެލުމަށް ފަހު، ސަރުކާރުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތްތައް 7 ދުވަހަށް ސަސްޕެންޑު ކޮށްފިއެވެ.

ތުރުކީގައި ވެރިކަން ކުރާ އޭކޭ ޕާޓީގެ ޑެޕިއުޓީ ޗެއާމަން މުސްތަފާ އެލިޓަސް ވިދާޅުވީ، ރައީސް ރަޖަބު ޠައްޔިބު އުރުދުޣާންގެ ސަރުކާރުން، ބައިނަލް އަގުވާމީ ޖަމިއްޔާތަކާއި ގުޅިގެން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފުޅާކޮށް ކުރަމުންދާ އިރު، މަޖިލީހުގެ ޖަލްސާއެއް މިއަދު ނޯންނާނެ ކަމަށާއި، އަދި ކުރިއަށް ހަތް ދުވަހުވެސް މަޖިލީހުގެ މަސައްކަތްތައް ނުކުރާނެ ކަމަށެވެ.

ތުރުކީ އަށް ފުރަތަމަ ބިންހެލުން އައިސްފައިވަނީ ތުރުކީވިލާތުގެ ގަޑިން ފަތިހު 04:17 ގައެވެ. އެއީ ދިވެހިރާއްޖޭގެ ގަޑިން މިއަދު ހެނދުނު 06:17 އެވެ. އެ ބިންހެލުން އައީ 7.8 މެގްނެޓިއުޑްގެ ބާރުމިނުގައެވެ. އަދި އޭގެ 11 މިނެޓްފަހުން ތުރުކީވިލާތުގެ މެދުތެރޭގެ ސަރަހައްދުތަކަށް ވަނީ 6.7 މެގްނެޓިއުޑްގެ ބާރުމިނުގައި އިތުރު ބިންހެލުމެއް އައިސްފައެވެ. ޖިއޮލޮޖިކަލް ސާވޭ އިން ބުނާ ގޮތުގައި އެއީ ފުރަތަމަ އައި ބިންހެލުމުގެ ސަބަބުން އައި އާފްޓަރ ޝޮކެކެވެ.

އަދި އޭގެ ފަހުންވެސް 7.5 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައިވާ އިރު މީގެ ގަޑިއެއްހާ އިރު ކުރިންވެސް ވަނީ 6.0 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައެވެ. ފުރަތަމަ ބިންހެލުމަށް ފަހު ރެކްޓަރ މިންގަނޑުން 4 އަށްވުރެ ބާރުގަދަ 18 އަށްވުރެ ގިނަ ލޮޅުން ވަނީ އައިސްފައެވެ.

ބިންހެލުންތަކާއި ގުޅިގެން ތުރުކީން މަރުވި މީހުންގެ އަދަދު 1014 އަށް އަރާފައިވާ އިރު، ސީރިއާއިން މަރުވި މީހުންގެ އަދަދު ވަނީ 783 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ސުބުޙާނަﷲ، ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ، ހުރިހާ ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުން، ދުނިޔެ ނިމުން ގާތްވެއްޖެ، މިއަދު ދުނިޔެއަށް ބޮޑެތި ޒަލްޒަލާތަށް ގާތް ގާތުން މިދަނީ އަންނަމުން، އެތައްބައެއްގެ ފުރާނައެއް މިއަދު ވަނީ ދުނިޔެ ދޫކޮށްފަ، ބޮޑުޒަލްޒަލާ އަންނާނެވަގުތު މޮޅަށްް ދެނެވޮޑިގެންވަނީ މާތަްﷲ، ވީމާ މިކުޑަ ވަގުތު ކޮޅުގަވެސް ހުރިހާ އެންމެން އެކުވެރިވެ އެކަލާނގެ މަގަށް ރުޖޫޢަވެ ހެޔޮޢަމަލުކުރުންމަތީ ދެމިތިބުމަށް އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި ތިޔަ އެންމެ ބޭފުޅުންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތް ކުރަން.