ސީރިއާ އާއި ތުރުކީވިލާތުގެ ސަރަހައްދީ އިން ކައިރިއަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ސުންނާފަތިވެފައިވާ އިމާރާތެއްގެ ދަށުގައި ސީރިއާގެ އާއިލާއެއް ތާށިވެފައި ތިބޭތާ 40 ގަޑިއިރު ފަހުން އާއިލާގެ ހުރިހާ މެންބަރުން ވެސް ދިރިތިއްބާ ސަލާމަތްކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އާއިލާ މެންބަރުން ދިރިއުޅޭ އިމާރާތް ވެއްޓި އެއްކޮށް ސުންނާފަތިވެފައި ވަނިކޮށް އެންމެން ސަލާމަތް ކުރެވުނީ އިމާރާތުގެ ފަންގިފިލާތައް ވެއްޓުނުއިރު އެތެރެއިން ހުސް ޖާގައެއް ވާގޮތައް ފަންގިފިލާތައް ވެއްޓިފައި ހުރުމުންނެވެ.

ސަލާމަތްކުރި އާއިލާ މެންބަރުންގެ ތެރޭގައި ކުޑަކުދިންނާއި ފިރިހެނަކާއި އަންހެނަކު ހިމެނެއެވެ. އޭގެތެރެއިން ބައެއް މީހުންނަށް ވަނީ ކޮންމެވެސް ވަރަކަށް އަނިޔާ ވެސް ވެފައެވެ. ނަމަވެސް އެއްވެސް މީގެ ފުރާނައަށް ނުރައްކާވަރުގެ އަނިޔާއެއް ލިބިފައި ނެތް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބިންހެލުމުގެ ސަބަބުން ތުރުކީވިލާތާއި ސީރިއާއިން މިހާތަނަށް 9،600 އަށް ވުރެ ގިނަ މީހުން މަރުވެފައިވާކަން ވަނޫ ކަށަވަރު ވެފައެވެ. މިއީ ފާއިތުވި ދިހަ ވަރަކަށް އަހަރު ތެރޭ ކުރިމަތިވި އެންމެ ގެއްލުން ބޮޑު ބިންހެލުމެވެ.

ތުރުކީވިލާތުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ 7،108 މީހުން މަރުވެފައިވާ ކަމަށެވެ. ސީރިއާގެ އޮފިޝަލުން ވަނީ 1250 މީހުން މަރުވެފައިވާ ކަމަށް ބުނެފައެވެ.

ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގައި ދަށުން ދިރިތިއްބާ ތިންލައްކައަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ ސަލާމަތް ކުރެވިފައެވެ. ނަމަވެސް އަދިވެސް އެތައް ސަތޭކަ ބަޔަކު އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބޭނެ ކަމަށް ލަފާކުރެވެއެވެ. އިމާރާތްތަކުގެ ދަށުން ދިރިތިއްބާ މީހުން ސަލާމަތް ކުރެވިދާނެ ކަމުގެ އުއްމީދު މިހާރު ދަނީ ކުޑަވަމުންނެވެ.