ނިދާފައި ތިއްބާ އައި ބިންހެލުމުގައި ދިރިއުޅުނު ގެ ބިމާއި ހަމަވެފައި ވާއިރު، ކޮންކްރީޓް ތަކުގެ ތެރޭގައި ތާށިވެފައި ތިބޭތާ 36 ގަޑި އިރު ފަހުން، ކުޑަ ދެ ކުދިން ސަލާމަތް ކޮށްފިއެވެ.

" އަހަރެން މިތަނުން ނެރެދީ، އަހަރެން ކޮންމެ ކަމެއްވެސް ކޮށްދީފާނަން،" ސީރިއާގެ އުތުރުގައި އޮންނަ ހަރަމް ގެ ކުޑަ ކުޑަ އަވަށެއްގައި، އެކުދިން ދިރިއުޅުނު ގޭގެ ބައިތަކުގެ ތެރެއިން މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ މީހުންނަށް، އެތަނުން ދޮށީ ކުއްޖާ މަޑު މަޑުން ބުނާ އަޑު އިވެއެެވެ.

"އަހަރެން ޚާދިމަކަށް ވާނަން." އާންމުވެފައިވާ ވީޑިއޯގައި އެ ކުޑައަންހެން ކުއްޖާ ބުނެއެވެ. "ނޫން، ނޫން"، އެއާއެކު ކުދިން ސަލާމަތް ކުރަން އުޅުނު މީހާ ރައްދުގައި ވަގުތުން ޖަވާބު ދެއެވެ.

މި ކުޑަ އަންހެންކުއްޖާއަކީ 7 އަހަރުގެ މަރިއަމް އެވެ. މަރިއަމް އާއި އޭނާގެ ކޮއްކޮ އެކީގައި ފިތިފައި ތިބި އިރު، މަރިއަމް ދިޔައީ ކޮއްކޮގެ ބޮލުގައި މަޑު މަޑުން ފިރުމަމުންނެވެ. ފެންނަ ފެނުމަށް ދެކުދިން ތާށިވެފައި ތިބީ އެކުދިން ނިދާފައި ތިބި އެނދުގެ ބައިތަކާއި ކޮންކްރީޓްތަކުގެ ތެރޭގައެވެ. ތާށިވެފައި އޮތް އިރު މަރިޔަމްގެ އަތް ހިއްލާލެވެނީ ކޮއްކޮގެ މޫނު ކުޑަކޮށް ފޮރުވާލެވޭ ވަރަށެވެ. އެއާއެކު ހިރަފުހާ ކުނޑިތަކުން ކޮއްކޮގެ މޫނު ރައްކާތެރިކޮށްދެވޭތޯ މަރިއަމް މަސައްކަތް ކުރިއެވެ.

ކުދިންގެ ބައްޕަ ބުނެފައިވާ ގޮތުގައި ހަގު ކުއްޖާގެ ނަމަކީ އިލާފް އެވެ. މާނައަކީ ރައްކާތެރިކަމެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ --- ފޮޓޯ: ގެޓީ އިމޭޖަސް

މުސްތަފާ ޒުހީރް އަލް ސައީދު ބުނީ، 7.8 މެގްނިޓިއުޑްގެ ބާރު ހެލުމަކާއި އެކު، ހޯމަދުވަހުގެ ފަތިހު ބިން ގުޑައިގެން ދިޔައިރު، އޭނާއާއި، އޭނާގެ އަންހެނުންނާއި، ތިން ދަރިން ތިބީ ނިދާފައި ކަމަށެވެ.

"ބިންގަނޑު ގުޑައިގެން ދިޔަކަން އަހަރެމެންނަށް އިހުސާސްވި...އެއަށްފަހު ބޯމައްޗަށް އިމާރާތް ފައިބައިގަތީ. އެ އެއްޗެހި ތަކުގެ ދަށުގައި އަހަރެމެން ދެ ދުވަސް ތިބިން." އޭނާ ބުންޏެވެ. "އަހަރެމެންނަށް ކުރެވުނު އިހުސާސް، އަހަރެން އުންމީދުކުރަނީ އެއްވެސް މީހަކަށް އެ އިހުސާސް ކުރަން ނުޖެހުން."

އިމާރާތުގެ ތެރޭގައި ތާށިވެފައި ތިބި އިރު މުސްތަފާ އާއި އޭނާގެ އާއިލާ އިން ދިޔައީ ގުރުއާން ކިޔަވާ، މީހަކަށް އެމީހުން ފެނޭތޯ ހަރު އަޑުން ދުއާ ކުރަމުންނެވެ.

"މީހުންނަށް އަހަރެމެންގެ އަޑު އިވުނު، އަދި އަހަރެމެން ސަލާމަތް ކުރި- އަހަރެންނާއި، އަހަރެންގެ އަންހެނުންނާއި، ދަރިން. ٱلْحَمْدُ لِلَّٰهِ، އަހަރެމެން އެންމެން ސަލާމަތްވެއްޖެ. އަދި އަހަރެމެން ސަލާމަތް ކޮށްދިން މީހުންނަށްވެސް ޝުކުރު އަދާކުރަން." މުސްތަފާ ބުނެފައިވެއެވެ.

މަރިއަމް އާއި އިލާފް ރަޖައެއްގައި އޮޅާލައިގެން އެތަނުން ނެރޭއިރު، އެ ސަރަހައްދުގައި ތިބި މީހުން އުފާ ފާޅު ކުރާ ތަން ވީޑިއޯ އިން ފެނިގެންދެއެވެ. ސަލާމަތް ކުރުމަށް ފަހު އެ ކުދިން ހޮސްޕިޓަލަށް ގެންދެވިފައި ވާއިރު، މިހާރު ދަނީ އެކުދިންނަށް ފަރުވާ ދެމުންނެވެ.

ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުން ދިރިތިއްބާ ތިންލައްކައަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ ސަލާމަތް ކުރެވިފައެވެ. ނަމަވެސް އަދިވެސް އެތައް ސަތޭކަ ބަޔަކު އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބޭނެ ކަމަށް ލަފާކުރެވެއެވެ. ފާއިތުވެގެންދާ ކޮންމެ ގަޑިއިރަކާއި އެކު، ގަދަ ފިނީގައި ދިރި ތިއްބާ އާއިލާތައް ސަލާމަތް ކުރެވުމުގެ އުންމީދު ދަނީ ކުޑަވަމުންނެވެ.

މުސްތަފާގެ ގެ ހުންނަ އިދްލީބުގެ ގަވަނޭޓް އަކީ ސީރިއާގެ އުތުރުގައި އޮންނަ ހަނގުރާމަވެރިން ކޮންޓްރޯލް ކުރާ ސަރަހައްދެކެވެ. އެސަރަހައްދުން މަދުވެގެން 1220 މީހުން މަރުވެފައިވާ ކަމަށް، އެސަރަހައްދުގައި އިންސާނީ އެހީދިނުމަށް ހަރަކާތްތެރިވާ "ވައިޓް ހެލްމެޓްސް" އިން ވަނީ ބުނެފައެވެ. އަދި މިހާރުވެސް އެތައް ސަތޭކަ ބަޔަކު އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބުމުން މި އަދަދު އިތުރުވާނެ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

ސީރިއާގެ ސަރުކާރުން ކޮންޓްރޯލް ކުރާ ސަރަހައްދުތަކުން މަދުވެގެން 1280 މީހުން މަރުވެފައިވާ އިރު، ސީރިއާއިން މަރުވި މީހުންގެ އަދަދު ޖުމްލަ 2500 އަށް ވަނީ އަރާފައެވެ.

އަދި ބޯޑަރުގެ އަނެއް ފާރާތުން ތުރުކީން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 8584 އަށް އަރާފައެވެ.