ތުރުކީއާއި ސީރިއާއަށް ބޮޑެތި ގެއްލުންތަކެއް ވި ބިންހެލުންތަކުގައި ދެ ގައުމުން މަރުވި މީހުންގެ އަދަދު 33000 އަށްވުރެ އިތުރު ވެފައި ވާކަމަށް ތުރުކީގެ ޑިޒާސްޓަރ މެނޭޖްމެންޓު އޮތޯރިޓީން ބުނެފިއެވެ.

އޮފިޝަލުންނާއި ސިއްހީ އެހީތެރިން މައުލޫމާތު ދޭ ގޮތުގައި ތުރުކީން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 29605 އަށް އަރާފައެވެ.

އަދި ސީރިއާއިން 3574 މީހުން މަރުވެފައިވާ ކަމަށް ތުރުކީގެ އޮފިޝަލުން މައުލޫމާތު ދެއެވެ. ނަމަވެސް ސީރިއާއިން މިހާތަނަށް 4500 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރެއެވެ. މީޑިއާތަކުން ބުނާ ގޮތުގައި ބިންހެލުން އައި ސީރިއާގެ ބައެއް ސަރަހައްދުތަކަށް ސަރުކާރުގެ ބާރުވެސް ނުހިނގާތީއާއި އެކު، ސައްހަ މައުލޫމާތު ކަށަވަރު ކުރަން ވަނީ ދަތިތައް ކުރިމަތިވެފައެވެ.

މިދިޔަ ހޯމަ ދުވަހު ތުރުކީ އަށް އަލިނުވިލެނީސް އައި 7.8 މެގްނިޓިއުޑްގެ ބާރު ބިންހެލުމަށް ފަހު އެގައުމަށް 7.6 މެގްނިޓިއުޑްގެ ބިންހެލުމެއްވެސް އައިސްފައިވާއިރު، އެތައް ސަތޭކަ ބާރުގަދަ ލޮޅުންތަކެއް ވެސް ވަނީ އައިސްފައެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެނީ --- ފޯޓޯ: އަލްޖަޒީރާ

ބިންހެލުމަށް ހަފްތާއެއް ވާން ދާއިރު މިހާރު ގިނައިން ފެންނަމުންދަނީ މަރުވެފައިވާ މީހުންގެ ހަށިތައް ނަމަވެސް، މިއަދުވެސް ދިރިތިބި ބައެއް މީހުން ވަނީ ސަލާމަތް ކުރެވިފައެވެ. އެގޮތުން 140 ގަޑިިއިރު ފަހުން 7 މަހުގެ ތުއްތު ކުއްޖަކު ހަތާއީ އިން ސަލާމަތް ކޮށްފައި ވާއިރު، އިމާރާތުގެ ދަށުގައި އޮންނަތާ 150 ގަޑިއިރު ފަހުން ކުޑަ އަންހެން ކުއްޖަކާއި، 64 އަހަރުގެ މުސްކުޅި އަންހެނަކުވެސް ވަނީ ސަލާމަތް ކޮށްފައެވެ.

އަދި 152 ގަޑިއިރު ފަހުން، އަދިޔަމަން އިން 7 އަހަރުގެ ފިރިހެން ކުއްޖަކާއި، އަންހެން ދެބެން ސަލާމަތް ކޮށްފައި ވާއިރު، ހަތާއީ އިން ވަނީ 85 އަހަރުގެ އަންހެނަކު ސަލާމަތް ކޮށްފައެވެ. އަދި 155 ގަޑިއިރު ފަހުން ގާޒިއެންޓެޕް އިން 8 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކުވެސް ވަނީ ސަލާމަތް ކޮށްފައެވެ.

ތުރުކީން މަދުމަދުން ދިރިތިބި މީހުން ފެންނަމުން ދިޔަ ނަމަވެސް، ސީރިއާގެ ހަނގުރާމަވެރިން ކޮންޓްރޯލް ކުރާ ސަރަހައްދު ތަކުގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާ 'ވައިޓް ހެލްމެޓްސް' ޖަމާއަތުން އިއްޔެ ބުނެފައިވަނީ، ބުރާސްފަތި ދުވަހުގެ ފަހުން އެ ޖަމާއަތަށް އެއްވެސް މީހަކު ސަލާމަތް ކުރެވިފައި ނުވާ ކަމަށެވެ. 3000 ވޮލެންޓިއަރުންގެ ޖަމާއަތުން ބުނެފައިވަނީ މިހާރު މަސައްކަތް ކުރަމުންދަނީ އިމާރާތްތަކުގެ ދަށުން މަރުވެފައިވާ ހަށިތައް ނަގަން ކަމަށެވެ.

އިމާރާތުގެ ބައިތަކުގެ ދަށުގައި އޮންނަތާ 152 ގަޑި އިރު ފަހުން 7 އަހަރުގެ ފިރިހެން ކުއްޖަކު ސަލާމަތް ކުރަނީ --- ފޮޓޯ: އަލް ޖަޒީރާ

ބިންހެލުމުގެ ސަބަބުން އެތައް ހާސް ބަޔަކު ހާލުގައި ޖެހިފައި ވާއިރު، ބިންހެލުމުގެ އަސަރު ކުރި ތުރުކީވިލާތުގެ ބައެއް ސަރަހައްދުތަކުން ލޫޓުވުމާއި، ފޯނުން ގުޅައިގެން މީހުންނަށް މަކަރުހަދާ އޮޅުވާލަމުންދިޔަ 48 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ތުރުކީގެ އިދާރާތަކުން ބުނެފައިވެއެވެ.

ބިންހެލުމުގެ އަސަރު ކުރި ވަރަށް ގިނަ ބަޔަކަށް އަދިވެސް އެހީގެ ތަކެތި އެކަށީގެންވާ ގޮތެއްގައި ފޯރުކޮށެއް ނުދެއެވެ. ބިންހެލުމުގެ އަސަރުކޮށް ގެދޮރު ގެއްލިފައިވާ މީހުންނަށް ކާބޯތަކެތި ބަހަމުން ދަނީ ވެސް ވަރަށް ބޮޑެތި ހިފެހެއްޓުންތަކަކާއި އެކުއެވެ.