ތުރުކީއަށް އައި ބިންހެލުމުގައި ބައެއް މީހުން މަރުވެއްޖެ އެވެ.

5.6 މެގްނިޓިއުޑްގެ ބާރުމިނުގައި މި ބިންހެލުން އައިސްފައި ތުރުކީގެ ދެކުނުގެ މަލަޓިއާ ޕްރޮވިންސްގެ ޔެސިލިއާޓް އަވަށަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މި ބިންހެލުމުގައި މިހާތަނަށް ހަތަރު މީހަކު ވަނީ މަރުވެފައެވެ. އަދި ވެއްޓުނު އިމާރާތެއްގެ ދަށުގައި އިތުރު ކުޑަކުއްޖަކު ތާށިވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އެއިމާރާތް ވަރަށް ބޮޑަށް ސުންނާތިވެފައި ވާތީ ކުއްޖާ ދިރިހުއްޓާ ސަލާމަތް ކުރެވުމުގެ އުއްމީދު ވެސް ވަނީ ކުޑަވެފައެވެ.

ބިންހެލުމުގެ ސަބަބުން 70 ވަރަކަށް މީހުން ޒަހަމްވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފެބްރުއަރީ މަހުގެ 06 ވަނަ ދުވަހު ތުރުކީވިލާތާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުންތަކަށް ފަހު އެގައުމުތަކަށް ވަނީ އެތައް ސަތޭކަ ބިންހެލުމެއް އައިސްފައެވެ. އެބިންހެލުންތަކުގެ ސަބަބުން މީހުންނަށް ވަނީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ. މިހާރު ގިނަ މީހުންނަށް އިމާރާތްތަކުގެ އެތެރޭގައި ދިރިއުޅޭކަށް ނުކެރެއެވެ. ގިނަ މީހުން އަދިވެސް ނިދަނީ ބޭރުގައި ޓެންޓްތައް ޖަހައިގެންނެވެ. ނަމަވެސް ގަދަ ފިނީގެ ސަބަބުން ބޭރުގައި ނިދުން ވެސް ވަނީ ވަރަށް ބޮޑު ތަކުލީފަކަށް ވެފައެވެ.

ތުރުކީވިލާތައް އައި ބިންހެލުމުގެ ސަބަބުން މިހާރު ވެސް ތުރުކީވިލާތުގެ ދެކުނުން ގެދޮރު ގެއްލިފައި ތިބި މީހުންގެ އަދަދު 1.5 މިލިއަނަށް އަރައެވެ. އދ.އިން ބުނާ ގޮތުގައި ބިންހެލުމުގެ ސަބަބުން ސުންނާފަތިވި ގެތަކުގެ އަދަދު 500000 އަށް އަރައެވެ.

ތުރުކީވިލާތުގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނާ ގޮތުގައި ފެބްރުއަރީ 06 ވަނަ ދުވަހު އައި ބިންހެލުމަށް ފަހު އެގައުމަށް މިހާތަނަށް 10000 އާފްޓަރޝޮކް އައިސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލަކޯ ﷲގެ ކޯފާއިން އެންމެހާ މުސްލިމުންނާ މުސްލިމު ޤައުމުތަކާއި އަދި މިކުޑަކުޑަ ދިވެހިރާއްޖެއާއި ރާއްޖޭގެ ހުރިހާ މުސްލިމުން ސަލާމަތްކޮށް ރައްކާތެރި ކޮއްދެއްވާދޭވެ. އާމީން

    31
  2. ޖުހާ،

    މުސްތަގުބަލުގަ އަންނަ ކޮންމެ ލޮޅުމެއް އާފްޓަރ ސޮކެއްކަމަށް ބެލީމަ އޯކޭވާނެ.

    1
    4