ތުރުކީވިލާތައް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ސުންނާފަތިވި އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް، އެމަސައްކަތް ކުރަން ބޭނުންވި އަވަސް މިނުގައި ނުކުރެވުނު ކަމަށް ތުރުކީވިލާތުގެ ރައީސް ވިދާޅުވެއްޖެއެވެ.

ބިންހެލުން އައި ސަރަހައްދުގައި އޮންނަ އަދިޔަމިން ޕްރޮވިންސަށް މިއަދު ވަޑައިގެން އެސަރަހައްދުގެ މީހުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން އުރުދޮގާން ވިދާޅުވީ ބިންހެލުމުގެ ސަބަބުން ވެއްޓުނު އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުން ބޭނުންވި އަވަސް މިނުގައި ނުކުރެވުނު ބައިވަރު ސަބަބުތައް ހުރި ކަމަށެވެ.

"ބިންހެލުން އައި ދުވަސްވަރު ދިމާވީ މޫސުން ވަރަށް ގޯސް ދުވަސްވަރަކާ. އަދި މަގުތައް ހަލާކުވެ ދަތުރުފަތުރަށް ވަރަށް ބޮޑަށް ހުރަސް އެޅުނު. މިހުރިހާ ކަމަކާއި ހުރެ ފުރަތަމަ ދުވަސްކޮޅު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ބޭނުންވި އަވަސް މިނުގައި ނުކުރެވުނު." އުރުދޮގާން ވިދާޅުވިއެވެ.

"މިކަމަށްޓަކައި އަޅުގަނޑު މާފަށް އެދެން." އުރުދޮގާން ވިދާޅުވިއެވެ.

ބިންހެލުމުގެ ސަބަބުން އިމާރާތްތަކުގެ ދަށުގައި ތާށިވި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ސަރުކާރުން އެކަށީގެންވާ އަވަސް މިނެއްގައި ނުކުރި ކަމަށް ބުނެ ތުރުކީވިލާތުގެ އިދިކޮޅު ފަރާތްތަކުން ވެސް އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ތުރުކީވިލާތައް ބޮޑު ގުދުރަތީ ކާރިސާއެއް ކުރިމަތިވިއިރު އެފަދަ ހާލަތަކަށް ސަރުކާރުން ތައްޔާރުވެފައެއް ނެތެވެ.

އަދި އިމާރާތްތަކުގެ ފެންވަރު ބަލަން ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނެތް ކަމަށް ބުނެ ވެސް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

އަންނަ މެއި ނުވަތަ ޖޫން މަހު އޮންނަ އާއްމު އިންތިހާބަށް ބިންހެލުމަށް ފަހު ސަރުކާރުން އަމަލު ކުރަމުންދާ ގޮތުގެ އަސަރު ކުރާނެ ކަމަށް ތުރުކީވިލާތުގެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. ފައިސާގެ އަގު ވެއްޓުމާއި ތަކެތީގެ އަގު އުފުލުން ފަދަ މައްސަލަތަކާއި ކުރިމަތިލާން ޖެހިފައިވާ އުރުދޮގާން އަށް ކުރިއަށް އޮތް އާއްމު އިންތިހާބު ކާމިޔާބު ކުރުން ވާނީ ވަރަށް ބޮޑު ގޮންޖެހުމަކަށް ކަމަށް މިހާރު ވެސް ބައެއް ތަޖުރިބާކާރުން ވަނީ ވިދާޅުވެފައެވެ.