އެމެރިކާގެ ފްލޮރިޑާގައި ހުރި ކްލަބަކަށް ފިސްތޯލައެއް ހިފައިގެން ވަންނަން ދިޔަ މީހަކު ހުއްޓުވައިފިއެވެ.

ސީސީޓީވީ ފޫޓޭޖް އިން ފެންނަ ގޮތުގައި މޫނު ނިވާ ކުރަންވެގެން މާސްކް އަޅައިގެން ހުރި މީހާ ކްލަބަށް ވަންނަން ދިއުމުން ހުއްޓުވާފައި ވަނީ ބޭރުގައި ހުރި ސެކިއުރިޓީ ގާޑެކެވެ. އޭރު އެ ތަނުގައި އިތުރު ދެ ސެކިއުރިޓީ ގާޑާއި އަންހެނަކު ގޮނޑިއެއްގައި އިށީނދެލައިގެން ތިބިއެވެ.

ފުލުހުން ބުނި ގޮތުގައި ކްލަބަށް ވަންނަން ދިޔަ މީހާ އަތުގައި ފިސްތޯލައެއްގެ އިތުރުން ފްލޭޝް ލައިޓެއް ވެސް އޮތެވެ. އެމީހާ ހުއްޓުވި ސެކިއުރިޓީ ގާޑް ބުނި ގޮތުގައި އޭނާ ބެލީ އެ ފިރިހެން މީހާ އަތުގައި އޮތް ފިސްތޯލަ އަތުލެވޭތޯ ކަމަށެވެ. ދެ މީހުންގެ ދެމެދު ހިނގި މާރާމާރީގައި ގާޑުގެ ބޮލަށް ވެސް އަނިޔާވެފައިވެއެވެ.

"އަހަރެން ބެލީ އެ މީހާ އަށް އެކަން ކާމިޔާބު ވިޔަ ނުދިނުމަށް. އަދި އެއްވެސް މީހަކަށް އަނިޔާވިޔަ ނުދޭން." ސެކިއުރިޓީ ގާޑު ކިޔައި ދިނެވެ.

ޕޮލިސް ޑިޕާޓްމަންޓްގެ އިންޓެރިމް ޗީފް ލީ ބާކައު ބުނީ މާސްކް އަޅައިގެން ހުރި މީހާ ނުހުއްޓުވި ނަމަ، ބަޑި ޖެހުމުގެ ބޮޑު ހާދިސާއެއް އެ ތަނުގައި ހިނގީސް ކަމަށެވެ.

މި މައްސަލައިގައި ފިރިހެން މީހާ ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށް ބަލައި ފާސް ކުރި އިރު، ޖީބުން އިތުރު ވަޒަންތަކެއް ފެނިފައިވެއެވެ. އަދި އޭނާ އައި ޓްރަކު ބެލި އިރު ވަޅި ފަދަ ތަކެތި ފެނިފައިވެއެވެ.