ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ ޒުލަކުން މަގުމައްޗަށް ދޫވި ޒިބްރާއެއް މަގުމަތީގައި ތިން ގަޑިއިރު ވަންދެން ހަރަކާތްތެރިވެއްޖެއެވެ.

ސެރޯ ނަމަކަށް ކިޔާ ފިރިހެން ޒިބްރާ ސޯލް ޗިލްޑްރަންސް ގްރޭންޑް ޕާކް ޒޫއިން މިނިވަންވީ ބުރާސްފަތި ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.

މިއާއެކު އެ ޒިބްރާ އަތުލައިގަތުމަށް ފުލުހުންނާއި ފަޔަރ އޮފިޝަލުންނާއި ޒުލުގެ މުވައްޒަފުން ވެސް ހަރަކާތެރިވެފައެވެ.

މީސް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ޒިބްރާ ވަނީ ކާރުބާރު ބޮޑު މަގެއްގައި ދުވެފައި ދާ ތަނެވެ.

ސޯލް ގްވާންގްޖިން ފަޔަރ ސްޓޭޝަނުން ބުނި ގޮތުގައި 2021 ވަނަ އަހަރު ޒޫއަށް އުފަންވި އެ ޒިބްރާ އަށް އެ ޒުލުން ސަލާމަތްވެގެން ބޭރަށް ނުކުމެވުނީ އޭނާ ބަންދުކޮށްފައި ހުރި ތަނުގައި ހުރި ލަކުޑި ފެންސްތައް ނައްޓާލައިގެންނެވެ.

އެންމެ ފަހުން ސެރޯ ޒުލަށް ގެންދިއުމަށް ހިފައިގަނެވުނީ ސަލާމަތީ ފެންސެއް ބޭނުންކޮށްގެންނެވެ.

އޭތި ޒުލަށް އަނބުރާ ގެންގޮސްފައި ވަނީ ޓްރަކެއްގެ ފަހަތަށް އަރުވައިގެންނެވެ.

ޗިލްޑްރަންސް ގްރޭންޑް ޕާކް ޒޫގެ އޮފިޝަލަކު އެސޯސިއޭޓެޑް ޕްރެސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ޒިބްރާ ހާލަތު ވެޓްސް އިން ބަލާފައިވާ ކަމަށާއި އޭތީގެ ހާލު ސްޓޭބަލް ކަމަށެވެ.

އެ ޒުލުގެ ވެބްސައިޓްގައި ވާގޮތުން، އެ ޒުލުގައި 38 ބާވަތެއްގެ 400 އަށް ވުރެ ގިނަ ޖަނަވާރު އުޅޭއިރު އޭގެ ތެރޭގައި ކޮރެއާގެ ކުއްތާތަކާއި، ރާމާމަކުނު ހިމެނެއެވެ.