ފިލިޕީންސްގެ ދެކުނުގެ ޑާވާއޯގައި ބޭއްވި އަޔަންމޭން 70.3 މުބާރާތުގައި ބައިވެރިވި އެކަކު މަރުވެއްޖެއެވެ.

"އަޔަންމޭން 70.3 ޑަވާއޯގައި ރޭހުގެ ބައިވެރިއަކު މަރުވިކަން ކަށަވަރު، އެކަމާއި ވަރަށް ހިތާމަ ކުރަން،" އިންތިޒާމްކުރާ ފަރާތުން ނެރުނު ބަޔާނެއްގައި ވެއެވެ.

އަޔަންމޭން 70.3 އިން ބުނެފައި ވަނީ އެތުލީޓުގެ އާއިލާ އަށާއި ރަހުމަތްތެރިންނަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.

އެ އެތްލީޓަށް ސިއްހީ މައްސަލައެއް ކުރިމަތިވެފައި ވަނީ ރޭހުގެ ފެތުމުގެ ބައިންނެވެ.

އަދި އެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން މެޑިކަލް ޓީމުން ވަނީ ހަރަކާތްތެރިވާން ފަށައިފައެވެ.

އޭނާ މަރުވީ ސީދާ ކިހިނެއް ވެގެންކަން ސާފެއް ނުވެއެވެ.

ފިލިޕީންސްގެ ޑާވާއޯ ސިޓީގެ އަޒޫއެލާ ކޯވްގައި އާދީއްތަ ދުވަހު ފެށި އަލްވީއޯ އަޔަންމޭން 70.3 ފިލިޕީންސްގައި 46 ގައުމަކުން ހާހަކަށް ވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ.

ރިޕޯޓްތަައް ބުނާގޮތުގައި، އޭނާއަށް ސިއްހީ ފަރުވާ ބޭނުންވާކަން އެނގުމުން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އޭނާ ވަނީ މަރުވެފައެވެ.

މި މުބާރާތުގައި އެތައް ގައުމެެއްގެ އެތްލީޓުން ބައިވެރިވިއެވެ. މި މުބާރާތުގައި ސައިކަލް ރޭސިންގ އާއި ފެތުން ފަދަ ކަންކަން ހިމެނެއެވެ.

އޭރު އެވްރެޖްކޮށް ވައިގެ ފިނިހޫނުމިން ހުރީ 33 ޑިގްރީ ސެލްސިއަސްގައި ކަމަށް ވެއެވެ. އަދި ފެނުގެ ފިނިހޫނުމިން ހުރީ 28 ޑިގްރީ ސެލްސިއަސްގައި ކަމަށް އަޔަންމޭން ޑަވާއޯ ވެބްސައިޓްގައި ބުނެފައިވެ އެވެ.