އަފްޣާނިސްތާނުގައި އަންހެނުން ހިންގަމުން ދިޔަ ރޭޑިއޯ ސްޓޭޝަނެއްގައި ލަވަ ޖެހުމުން އެ ގައުމުގެ ސަރުކާރުން އެތަން ބަންދުކޮށްފިއެވެ.

"ސަދާއީ ބަނޯވާން" ނަމަކަށް ކިޔާ ރޭޑިއޯ ސްޓޭޝަނަކީ އެ ގައުމުގެ އަންހެނުން ހިންގާ ތަނެކެވެ. ރަމަޟާން މަހުގައި ލަވަ ޖަހައި މިއުޒިކް ކުޅުނު ކަމަށް ބުނެ އަފްޣާނިސްތާނުގެ ސަރުކާރުން ވަނީ އެ ތަން ބަންދުކޮށްފައެވެ.

އަފްޣާނިސްތާންގައި މިހާރު އޮތް ތާލިބާން ސަރުކާރުން އެގައުމުގެ އަންހެންވެރިންނާ މެދު ހިންގާ އިންސާނި ހައްގުތަކާ ހިލާފު ކަންކަމުގެ ތެރެއިން، ރޭޑިއޯ ސްޓޭޝަން ބަންދު ކުރީ ރަމަޟާން މަހު މިއުޒިކް ޖެހި ކަމަށް ބުނެއެވެ.

"ސަދާއީ ބަނޯވާން" ރޭޑިއޯ ސްޓޭޝަނަކީ މީގެ 10 އަހަރު ކުރީއްސުރެ ފެށިގެން ދާރީ ބަހުން ހިންގަމުން އަންނަ ތަނެކެވެ. އަދި އެ ސްޓޭޝަނަކީ ބޮޑަށް އެފްއެފް ސްޓޭޝަންތައް ހިންގާ ގޮތަށް އާންމުންނަށް މައުލޫމާތު ގެނެސްދޭ ސްޓޭޝަނެކެވެ.

އިންފޮމޭޝަން މިނިސްޓަރު މޮއިޒުއްދީން އަހްމަދީ އާ ހަވާލާދީ ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބަދަކްޝާންގެ އިހުތިސާސްގެ ތެރޭގައި މިއުޒިކް ޖެހުމަކީ މަނާކަމެއް ކަމަށާއި އެއީ އަފްޣާނިސްތާނުގައި އޮތް އިސްލާމީ ވެރިކަމުގެ އުސޫލުތަކާ ހިލާފުކަމެއް ކަމަށް ހުރިހާ ރޭޑިޔޯ ސްޓޭޝަންތަކަށް ވާނީ އަންގާފައެވެ. އަދި އެ ސްޓޭޝަނުން އެތައް ފަހަރަކު ލަވަޔާއި މިއުޒިކް ދުރައް ފޮނުވާފައި ވާ ކަމަށާއި، އެކަން ތަކުރާރު ނުކުރާނެ ކަމުގެ ޔަގީންކަން ދިނުމުން ސްޓޭޝަން އަލުން ހުޅުވުމުގެ ހުއްދަ ދެއްވާނެ ކަމަށް މިނިސްޓަރު މޮއިޒުއްދީން އަހްމަދީ ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން އެ ސްޓޭޝަންގެ ހެޑް ނަޖިއާ ސޮރޯސް ބުނީ، އެ ސްޓޭޝަނުން މިއުޒިކް ނުޖަހާ ކަމަށާއި އެއްވެސް އުސޫލަކާއި ހިލާފުވެފައި ނުވާނެ ކަމަށެވެ. އަދި އެތަން ބަންދުކޮށްގެން އުޅެނީ އެމީހުންނާ ދެކޮޅު ރޭވުމެއްގެ ދަށުން ކަމަށް އޭނާ ބުންޏެވެ.

އަފްޣާނިސްތާނުގެ ވެރިކަން ކުރާ ތާލިބާނުންނަކީ ހަރުކަށި ވިސްނުމުގެ ބައެއް ނަމަވެސް މިހާތަނަށް އެގައުމުގައި ރަސްމީކޮށް މިއުޒިކް މަނާ ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އެގައުމުގެ އަންހެނުން، ތައުލީމު އުނގެނުމުން މަހުރޫމް ކުރުމާއި ވަޒީފާ އަދާކުރުމުންވެސް މިހާރު ވަނީ މަހުރޫމް ކޮށްފައެވެ. ނަމަވެސް ގްރޭޑް 6 އާ ހަމައަށް ކިޔުވުމުގެ ފުރުސަތު ބައެއް ސިޓީތަކުގައި ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަމިއްޔާ

    އަންހެނުން ލަވަޔާއި ޑާންސް އަދި މިއުޒިކް ކުޅުމަށް ހުރަސް އެޅުމަކީ އެމީހުންނާ ދޭތެރޭ ހަރުކަށިވުމެއް ނޫނެވެ.
    ފާހިޝް ކަންތަކާ މުންކަރާތްތަކަށް އަންހެނުންނަށް މަގު ހުޅުވާލުމަކީ އަންހެނުންނަށް އިހާނެތި ވުމެވެ. އެއީ އިންސާނީ ހައްގެއް ނޫނެވެ. ފާފަކުރުމަށް ދެވޭ ފުރުސަތުތަކަކީ ހައްގޭ ނުކިޔާށެވެ. ނަރަކައިގެ އަލިފާނުގައި އޮތުމަށް ހުޅުވާލާ ދޮރުތައް ބަންދުކުރުމަކީ ހައްގު ހޯދައިދިނުމެވެ. ހައްގަށް ހުރަސް އެޅުމެެއް ނޫނެވެ.

    21
    2
    • މޮޔަނިމޮސް

      ލަވަ ކިޔައިގެން ޑާންސް ކޮށްގެން ނަރަކަޔަށް ދޭތަ