ފަހުގެ ތާރީޚުގައި، އަވަށްޓެރި އިންޑިޔާގެ ދެކުނުގައި އޮންނަ ކެރެލާ ސްޓޭޓަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ އެންމެ ބޮޑު ޙާދިސާގައި މަރުވި މީހުންގެ އަދަދު، 79 އަށް އަރާފައިވާކަމަށް، އެޤައުމުގެ ރަސްމީ އިދާރާތަކާ ހަވާލާދީ، ނޫސްތަކުން ބުނެފިިއެވެ.

ކެރެލާގެ އެކި ހިސާބުތަކަށް ކުރަމުންދާ ބޯ ވިއްސާރައިގެ ސަބަބުން، އެކި ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ އިތުރުން، ބައެއް ހިސާބުތަކުގެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ޙާދިސާތައްވެސް ދަނީ ކުރިމަތިވަމުންނެވެ. ހަމައެހެންމެ، ބައެއް ސަރަޙައްދުތަކުގައި އަޅާފައިވާ ފާލަންތަކާއި ދާލަން (ބްރިޖު) ތައްވެސް ވެއްޓެމުންދާކަމަށް މައުލޫމާތު ލިބެއެވެ.

މަރުވި މީހުންގެ އަދަދު 79 އަށް އަރާފައިވާކަމަށް ޓައިމްސް އޮފް އިންޑިޔާ އިން ބުނެފައިވާއިރު، މިއަދު އެކަނިވެސް 12 މީހުންގެ މަރު ރިޕޯޓުކޮށްފައިވާކަމަށް އެނޫހުން ބުނެފައިވެއެވެ.

ފެންގަނޑުތެރެއިން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަނީ

ފެންބޮޑުވުމުގެ ޙާދިސާގައި އަދިވެސް މީހުން ހާލުގައި ޖެހެމުންދާއިރު، އެފަރާތްތަކަށް ބޭނުންވާ އެހީގެ ތަކެތި ފޯރުކޮށްދިނުމަށް، ކެރެލާގެ ޗީފް މިނިސްޓަރު، ޕިނާރަޔީ ވިޖާޔަންވަނީ، އެޤައުމުގެ މަރުކަޒީ ސަރުކާރުގައި އެދިފައެވެ. މިކަމަށް އިޖާބަ ދީ، އެޤައުމުގެ ޑިފެންސް މިނިސްޓްރީ އިންދަނީ، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ބޭނުންކުރާނޭ އާލާތްތައް ފޯރުކޮށްދިނުމުގެ މަސައްކަޔް ކުރަމުންނެވެ.

މީގެއިތުރުންވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި، ފެންބޮޑުވެ، މީހުން ދިރިއުޅޭ ގޭގެއަށް ފެން ވަނުމުގެ ސަބަބުން، އެތައް ބައެއްގެ ގެދޮރުވަނީ ގެއްލިފައެވެ. މި ފަރާތްތަކަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައިވާއިރު، ވަގުތީ ހިޔާތަކުގައި، 50،000 މީހުން ދިރިއުޅެމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ.

ކެރެލާގެ ޙާލަތު ގޯސްވެފައިވާއިރު، ހާލުގައި ޖެހިފައިވާ ފަރާތްތައް ސަލާމަތްކުރުމަށާއި ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތުގައި، އެޤައުމުގެ ކާރިސާތަކަށް އިޖާބަދޭ ފައުޖުގެ މެންބަރުންނާއި އަސްކަރިއްޔާ އަދި ކަނޑުގެ އަސަކަރިއްޔާގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. އެހެންނަމަވެސް، މި މަސައްކަތުގައި، އަދިވެސް ގިނަ އިންސާނީ ވަސީލަތް ބޭނުންވާކަމަށްވެސް، ކަމާ ބެހޭ ފަރާތްތަކާ ހަވާލާދީ، ނޫސް މީޑިޔާތަކުން ބުނެފައިވެއެވެ.

ކެރެލާގެ ބޮޑު ސަރަޙައްދެއްގައި ފެން ބޮޑުވެފައި

ކެރެލާގެ ޓްރިވެންޑްރަމްގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާއިރު، ބައެއް ދިވެހިންވެސް ހާލުގައި ޖެހިފައިވާކަމަށް މައުލޫމާތު ލިބެއެވެ. ހަމައެހެންމެ، ކެރެލާގެ މައި އެއަރޕޯޓުކަމުގައިވާ ކޮޗިންގެ އިންޓަނޭޝަނަލް އެއަރޕޯޓު ބަންދުކޮށްފައިވާއިރު، ފެންބޮޑުވެ، އާއްމު ދަތުރުފަތުރަށްވެސް ހުރަސް އެޅިފައިވުމުން، ބައެއް ހޮސްޕިޓަލުތަކުގެ އޮޕަރޭޝަންތަކަށްވެސް ބުރޫ އަރާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ކޮންމެ އަހަރެއްގެވެސް މި ދުވަސްވަރަކީ ކެރެލާ ސަރަޙައްދަށް ވިއްސާރަ ދުސްވަސްވަރަކަށްވީކަމުގައިވިޔަސް، މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން، އެހެން އަހަރުތަކަށް ވުރެ ބޯކޮށް، ކެރެލާ އަށް ދަނީ ވިއްސާރައިގެ އަސަރު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު