ސީރިއާ އިން އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ފޮނުވާލުމާ ގުޅިގެން އިސްރާއީލުން ރައްދު ދީފިއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނީ ސިފައިން ދިން ވައިގެ ހަމަލާތައް އަމާޒު ކުރީ ސީރިއާގެ އަސްކަރިއްޔާގެ ސަރަހައްދަކަށް ކަމަށެވެ. އެއީ ސީރިއާ ސިފައިންގެ ހަތަރު ވަނަ ޑިވިޝަންގެ ބެލުމުގެ ދަށުގައި އޮންނަ ތަނެއް ކަމަށް ވެސް އިސްރާއީލް އަސްކަރިއްޔާ އިން ބުނެފައިވެއެވެ.

މި ހަމަލާތައް ސީރިއާގެ ރާޑަރަކަށާއި ސީރިއާ ސިފައިން ބޭނުން ކުރާ ބައެއް ހަތިޔާރުތަކަށް ވެސް އަމާޒުކޮށްފައިވާނެ ކަމަށް އިސްރާއީލް އަސްކަރިއްޔާ އިން ބުނެފައިވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިއީ ސީރިއާ އިން އިސްރާއީލަށް ރޭ ފޮނުވާލި ހަ ރޮކެޓް ހަމަލާއާ ގުޅިގެން އިސްރާއީލުން ރައްދުގައި ދިން ހަމަލާތަކެެވެ. ސީރިއާ އިން އިސްރާއީލަށް ފޮނުވާލި ރޮކެޓް ހަމަލާތައް އިސްރާއީލްގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދަކަށް ވަނީ އަމާޒުވެފައެވެ.

އެކަމަކު، މި ހަމަލާތަކާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ ރިޕޯޓެއް ނުލިބެއެވެ.

"މި ސަރަހައްދުގައި ހިނގަމުން އަންނަ ހުރިހާ ކަމެއްގެ ޒިންމާއެއް އުފުލަން ޖެހޭނީ ސީރިއާގައި އޮތް ދައުލަތުން. އިސްރާއީލްގެ އިސްތިގުލާލަށް ގެއްލުންވާ އެއްވެސް ކަމަކަށް ޖާގަ ނުދޭނަން،" އިސްރާއީލްގެ އަސްކަރިއްޔާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.