އަވަށްޓެރި އިންޑިއާގައި މައިދައިތަ އާއި ބަފައިބެ މަރާލި މައްސަލައިގައި އެދެމީހުންގެ ދަނބިދަރިފުޅު ހައްޔަރުކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 70 އަހަރު ވެފައިވާ ދެމަފިރިން ދިރިއުޅެމުން ގެންދިޔައީ އެމީހުންގެ ފިރިހެން ދަރިފުޅާ އޭނަގެ އަންހެނުންނާއެކުގައެވެ.

ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން މޮނިކާ ނަމަކަށް ކިޔާ އަންހެނަކު އޭނަގެ މައިދައިތަ އާއި ބަފައިބެ މަރާލީ މުދަލުގެ ދަހިވެތިކަމުގައެވެ. އިތުރު ދެފިރިހެނުންގެ އެހީގައި މޮނިކާ ވަނީ އެ ދެމީހުން ކަރު ބުރިކޮށް މަރާލާފައެވެ. މިމައްސަލައިގައި މޮނިކާ ވަނީ ހައްޔަރުކޮށްފައެވެ.

ގޭގެ މަތީ ބައިގައި މޮނިކާ އާއި އޭނަގެ ފިރިމީހާ ދިރިއުޅެމުންދިޔައިރު މައިދައިތަ އާއި ބަފައިބެ ދިރިއުޅެމުން ދިޔައީ އެގޭގެ ތިރީ ބައިގައެވެ.

ކަން ހިނގާ ދިޔަގޮތް ކިޔައިދެމުން ފުލުހުން ބުނެފައިވަނީ މިއީ ރާވައިގެން ހިންގި ކަމެއް ކަމަށާއި މޮނިކާއަށް އެހީވެދިން ދެފިރިހެނުންގެ ތެރޭގައި މޮނިކާ ރައްޓެހިވެގެން އުޅޭ މީހަކު ހުރި ކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ އެ ދެފިރިހެނުން ގެއަށް ވައްދާފައިވަނީ ފިރިމީހާ ގޭގައި ނޫޅޭ ވަގުތެއްގައެވެ. އެރޭ ހަތެއް ޖެހި އިރު އެމީހުން ވައްދައި ގޭގެ ޓެރަހުގައި ފިލައިގެން ތިބީއެވެ. އަދި އެދެމަފިރިން ކޮޓަރިއަށް ވަދެ ނިދަން އުޅެނިކޮށް ދެ ފިރިހެނުން އެ ކޮޓަރިއަށް ވަދެ އެދެމީހުންގެ ކަރު ބުރިކޮށް މަރާލީކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެދެމަފިރިންގެ ދަރިފުޅު ރަވީ އާއި ހަވާލާދީ ފުލުހުން ބުނީ އެރޭ 10:30 ވާން އުޅެނިކޮށް މަންމަ އާއި ބައްޕަ ފެނުނު ކަމަށެވެ. އޭރު އެދެމަފިރިންވެސް ގަދަވެ ހެޔޮހާލުގައި ތިބި ކަމަށް ބުނެފައިވެއެވެ. އެހެންކަމުން އެދެމަފިރިން މަރާލިކަމަށް ފުލުހުން ލަފާކުރަނީ އެމީހުން ނިދަން އެރި ފަހުން ނުވަތަ ނިދާފަ ތިއްބައެވެ.

މިހުރިހާ ކަމެއް ހިނގާދިޔައީ މޮނިކާގެ އެދުމުގެ މަތިން ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ. އަދި އޭނާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. މިމައްސަލައިގައި ހިމެނޭ ދެ ފިރިހެނުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މަރާލި ދެމަފިރިންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ވަނީ ފޮނުވާފައެވެ.

މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ބުނެފައިވަނީ އެދެމީހުން މަރާލުމަށްފަހު އެގެއިން މަދުވެގެން ހަތަރު ލައްކަ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ. އެ ގެޔަކީ ބަހާފައި އޮންނަ ގެޔަކަށް ވުމުން އެދެމަފިރިންގެ ބައި ވިއްކާލާތީ މޮނިކާ ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ. އަދި ގެއްލުނު ފައިސާއަކީ އެދެމަފިރިންގެ ބައި ގަތުމަށް ބަޔަކު ދީފައިވާ އެޑްވާންސް ޕޭމެންޓެވެ.